ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފައިޒާ

ފައިޒާ ވެކްސިން މިމަހު އަލުން ޖަހަން ފަށާނެ

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ފައިޒާ-ބަޔޮންޓެކް ވެކްސިން މިމަހުގެ ތެރޭގައި އަލުން ޖަހަން ފަށާނެ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފައިޒާ ވެކްސިން މިމަސް ތެރޭގައި ޖަހަން ފަށާނެ ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި ވެކްސިން ލިބޭނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށެވެ. މިވަގުތު ފައިޒާ ވެކްސިން ލިބޭނެ ވަކި ތާރީހެއް ދަންނަވަން ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފައިޒާ ވެކްސިން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޖަހައިދޭނީ ކުރިންވެސް ޖަހައިދިން ގޮތަށް ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ މީހުންނަށާއި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ކަމަށެވެ.

"އެޑިޔުކޭޝަން މިނިސްޓްރީއާ އެއްކޮށް ސުކޫލްތަކުގެ ދަރިވަރުންނަށް ފައިޒާ ވެކްސިން ޖަހަން ފަށަން ތައްޔާރުވަމުން މިދަނީ. އެގޮތުން ކުރަން ޖެހޭ މަޝްވަރާތައް ފެށައިފައިވާއިރު މިހާރު ބައެއް ކަންކަން ނިމިފައިވަނީ. ސުކޫލް ކުދިންނަށް ވެކްސިން ޖަހާނީ ސުކޫލްތައް މެދުވެރިވެގެން ކުދިން ވެކްސިން ދޭ ސެންޓަރުތަކަށް ގެނެސްގެން. މާލެ ސަރަހައްދުގައި ވެކްސިން ޖަހަން ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަތޮޅުތެރޭގައި ވެސް އަޅުގަނޑުމެން ވެކްސިން ޖަހައިދޭން ފަށާނަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މީގެ އިތުރުން ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ޖެހުމަށްފަހު މާބަނޑުވެފައިވާ މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖަހައިދޭނެ ކަމަށާއި އަދި މާބަނޑުމީހުންގެ ތެރެއިން އެއްވެސް ޑޯޒެއް ނުޖަހާ ތިބި މީހުންނަށް ވެސް ފައިޒާ ވެކްސިން ޖަހައިދޭނެ ކަމަށެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން، އެދަރިވަރުން ކިޔަވާ ގައުމުތަކުގައި ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމަކަށް ދާނަމަ އެފަދަ ދަރިވަރުންނަށް ވެސް ފައިޒާ ވެކްސިން ޖަހައިދޭނެ ކަމަށެވެ.

މީގެ ކުރިން 16 އަހަރުން މަތީގެ ހާއްސަ ބަލިތަކުގެ މީހުންނަށް ފައިޒާ ވެކްސިން ޖަހައިދިނެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށް މީހުން ހިމެނެ އެވެ. އަދި ގުނަވަންތައް ބަދަލު ކޮށްފައިވާ މީހުންނާއި، ޑަޔަލަސިސް ގަވައިދުން ހަދާ މީހުންނާއި، ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީ ފަރުވާ ހޯދާ މީހުންނާއި އަދި ދިފާއީ ނިޒާމު ދެރަކުރާފަދަ ބޭސް ބޭނުން ކުރާ މީހުން ހިމެނެ އެވެ.