ދުނިޔެ

އިބްރާހީމް ރައީސީ އީރާންގެ ރައީސް ކަަމަށް

އިބްރާހީމް ރައީސީ، ރައީސްކަމުގެ ހުވާކުރައްވައި އީރާންގެ ރައީސްކަމާ ހަވާލުވެ ވަޑައިގެންފި އެވެ. އެމަނިކުފާން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ތެހެރާންގައި ހުންނަ މަޖިލީސް އިމާރާތުގައި ބުރާސްފަތި ދުވަހު އެވެ. މި ރަސްމިއްޔާތުގައި ޝަރުއީ ދާއިރާގެ އިސް އޮފިޝަލުންނާއި އަސްކަރީ ވެރިން ބައިވެެރިވެ ވަޑައިގެންނެވި އެވެ.

ރައީސީ ހުވާކުރެއްވައި އޮފީހާ ހަވާލުވެ ވަޑައިގެންނެވި ރަސްމިއްޔަތު އީރާންގެ ގައުމީ ޓީވީން ދުރަށް ދެއްކި އެވެ. ރައީސީ ހުވާކުރެއްވުމަށް ފަހު ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުރިހަމަ ކުރެއްވުމަށްޓަކައި ރައީސަށް ލިބިވަޑައިގަންނަވާ ހުރިހާ ކުޅަދާނަކަމެއް ބޭނުންހިއްޕަވާނެ ކަމަށެވެ.

ދުނިޔޭގެ ބާރުތަކުން އީރާނަށް އިގުތިސޯދީ ގޮތުން ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކަށް އިޝާރާތްކުރައްވައި ރައީސީ ވިދާޅުވީ، އެއީ މިހާރު އުވާލަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. ރައީސީ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްޓަކައި ޑިޕްލޮމެޓިކް އުސޫލުން އެއްބަސްވެވޭ ކޮންމެ ކަމަކަށް އީރާން ހުރި ގަބޫލު ކަމަށެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމަށް އަލިއަޅުއްވާލައްވައި ރައީސީ ވިދާޅުވީ އެއީ އަސްކަރީ ޕްރޮޖެކްޓެއް ނޫން ކަމަށާއި މަގުސަދަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުން ނޫން ކަމަށެވެ. އެމަނިކުފާން ވިދާޅުވީ ފަނާކުރަނިވި ހަތިޔާރު އުފައްދުމަކީ އީރާނުން ގަބޫލުކުރާ އަސާސެއް ނޫން ކަމަށެވެ.

އީރާންގެ ރައިސްކަމާ، ރައީސީ ހަވާލުވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ދުނިޔޭގެ 80 ގައުމަކުން 200 އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އީރާންގައި މިއަހަރު އޮތް ރިޔާސީ އިންތިހާބުގައި ރައިސީ ވާދަކުރައްވައި ވޯޓުގެ 62 ޕަސެންޓް ހޯއްދެވި އެވެ. އެއީ ގާތްގަނޑަކަށް 17.9 މިލިއަން ވޯޓެވެ.

ރައީސީ މަގާމާ ހަވާލުވެ ވަޑައިގެން ދެން އޮންނާނީ ކެބިނެޓަށް މިނިސްޓަރުން އައްޔަންކުރެއްވުމެވެ.