ދީން

ބަނގުރަލަކީ ފާފަތަކުގެ މަންމަ

ބަނގުރާ ބުއިމާ، މަސްތުވާތަކެތި ބޭނުން ކުރާމީހުންނާއި، ވިއްކާ މީހުންގެ ވާހަކަތަކަކީ އަޅުގަނޑުމެންގެ މުޖްތަމަޢުގައިވެސް އައު ވާހަކަތަކެއް ނޫނެވެ. ބޮޑެތި ވިޔަފާރިވެރިންނާއި، ސިޔާސީ ލީޑިރުންނާއި، މަޖިލިސް މެންބަރުންނާއި، އެނޫންވެސް، މުޖްތަމަޢުގެ އިސް މަޤާމުތަކުގައި ތިއްބަވާ ޢިއްޒަތްތެރިންވެސް މަސްތުވާ ތަކެއްޗާއި ބަނގުރަލުގެ ވަބާގައި ޖެހިފައިވާ ކަމުގައި އެތައް ބަޔަކު ތުހުމަތު ކުރެއެވެ. އަދި އެފަދަ ވާހަކަތަށް ސޯޝަލް މީޑިޔާގެ ޕުލެޓްފޯމްތަކުގައިވެސް ދެކެވެއެވެ. ބާރުގަދަ މަސްތުވާތަކެތީގެ ވާހަކައާއި ބާރުދަށް މަސްތުވާތަކެތީގެ ވާހަކަވެސް ބައެއް ޕޯޑިޔަމްތަކުގައި ދެކެވޭ ވާހަކައިގެ ތެރެއިން އަޑު އިވެއެވެ. ނަމަވެސް، މިއީ ސިޔާސީ ވާހަކަ އަކަށް، ނުވަތަ މުނިފޫހި ފިލުވާލަން ދައްކާ މަޖާ ވާހަކައަކަށް ހަދައިގެން ފަރުޖެހޭކަށް ނެތެވެ. ޒުވާނުން މަސްތުވާ ތަކެތީގެ ޝިކާރައަކަވެގެން ހަލާކުވެގެން ދިޔުމުން ސަލާމަތް ކޮށްދިނުމަށްޓަކައި، ހޭލުންތެރިކަން އިތުރުކޮށް، ބަނގުރާ އާއި މަސްތުވާ ތަކެތި ހުއްޓުވަން ކުރަންޖެހިފާވާ މަސައްކަތްތައް ނުހަނު ގިނަގުނައެވެ.

މަސްތުވާ ތަކެއްޗާއި ބަނގުރާ އަކީ ކީރިތި ޤުރްއާނާއި ސުންނަތުގެ ސާފު ޞަރީޙަ ޢިބާރާތުން ޙަރާމް ކުރައްވާފައިވާ ތަކެއްޗެވެ. އަދި އެތަކެތި ބޭނުންކުރުން މަނާ ކުރައްވާފައިވަނީ ނުހަނު މަތިވެރި ސަބަބަކަށްޓަކައެވެ.

އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރޭގައި، ދީން ހިމާޔަތް ކުރުމާއި، ނަފްސު ހިމާޔަތް ކުރުމާއި، ބުއްދި ހިމާޔަތް ކުރުމާއި، މުދާ ހިމާޔަތް ކުރުމާއި، ނަސްލު ހިމާޔަތް ކުރުން ހިމެނެއެވެ. މި މަޤްޞަދުތައް ޙާޞިލު ކޮށްދެއްވުމަށްޓަކައި ދީނުގެ އަސާސްތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ނަފްސު ހިމާޔަތްކުރުމަށްޓަކައި، ޙައްޤަކާއި ނުލައި ޤަތުލު ކުރުން ޙަރާމް ކުރައްވައި، މީސްތަކުންގެ ފުރާނައާއި ޖިސްމަށް އަނިޔާދިނުމަކީ ދުނިޔެމަތީގައިވެސް އެކަމުގެ ޢުޤޫބާތް ބޮޑުވެގެންވާ ކުށެއްކަމުގައިވަނީ ކަނޑައަޅުއްވާފައެވެ. ހަމައެފަދައިން، މުދާ ހިމާޔަތް ކޮށްދެއްވުމަށްޓަކައި ވިޔަފާރި ހުއްދަ ކުރައްވައި ރިބާ ޙަރާމް ކުރެއްވިއެވެ. އަދި މީސްތަކުން އެއްބަޔަކު އަނެއްބައެއްގެ މުދާ ނުޙައްޤުން އަތުލައިގަތުން މަނާ ކުރައްވައި، ވައްކަމާއި ޓެކުމާއި، ޣަޞްބުން ފޭރުންފަދަ ކުއްތަކަށް އަދަބު ކަނޑައެޅުއްވިއެވެ. އަދި ރިޝްވަތު ދިނުމާއި މަކަރާތް ހީލަތް ހެދުންވަނީ ނަހީކުރައްވާފައެވެ. ހަމައެފަދައިން، ޒިނޭ ޙަރާމްކުރައްވާއި، ޒިނޭ އަށް މަގުފަހިވާ އެންމެހައި ޢަމަލުތަކަކީވެސް ދީނުގައި މަނާ ކަންތައްތަކެއް ކަމުގައި ލައްވާފައިވަނީ ނަސްލު ހިމާޔަތް ކުރެއްވުމަށްޓަކައެވެ.

ބަނގުރާ އާއި މަސްތުވާ ތަކެތި ޙަރާމް ކުރެއްވުނީ ބުއްދި ހިމާޔަތް ކޮށްދެއްވުމަށްޓަކައެވެ. ބަނގުރާ ޙަރާމް ކުރެއްވިކަން އަންގަވައި މާތް ﷲ ވަޙީކުރައްވާފައެވެ. ﴿يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنصَابُ وَالأَزْلاَمُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ * إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاء فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللّهِ وَعَنِ الصَّلاَةِ فَهَلْ أَنتُم مُّنتَهُونَ﴾ (المائدة: 90، 91) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ބަނގު ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ. * ޝައިޠާނާ އެދޭކަންކަށަވަރީ، ބަނގު ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)"

ބަނގުރާ އާއި މަސްތުވާ ތަކެތީގެ އެންމެހައި މުޢާމަލާތެއް ދީނުގައިވަނީ ނަހީކުރައްވާފައެވެ. އެގޮތުން ބަނގުރާ އާއި ގުޅުންހުރި ދިހަ މުޢާމަލާތެއް ކުރާ ފަރާތްތަކަށް މާތް ﷲ ލަޢުނަތް ލައްވާފައިވާ ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ.

عن أنس بن مالك قال لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْخَمْرِ عَشَرَةً : عَاصِرَهَا ، وَمُعْتَصِرَهَا ، وَشَارِبَهَا ، وَحَامِلَهَا ، وَالْمَحْمُولَةَ إلَيْهِ ، وَسَاقِيَهَا ، وَبَائِعَهَا ، وَآكِلَ ثَمَنِهَا ، وَالْمُشْتَرِيَ لَهَا ، وَالْمُشْتَرَاةَ لَهُ –رواه الترمذي
މާނައީ: އަނަސް ބިން މާލިކު رضي الله عنه ވިދާޅުވިއެވެ. “ރަލާ ގުޅުންހުރި ދިހަ މީހަކަށް ލަޢްނަތް ހުރިކަމުގައި، ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. އެއީ ރާ ހަދާ މީހާއަށާއި، ރާ ހަދައިދޭން އެދޭމީހާއަށާއި، ރާ ބޯމީހާއަށާއި، ރާ އުފުލާ މީހާއަށާއި، އެމީހަކަށްޓަކައި ރާ އުފުލައިދެވޭ މީހާއަށާއި، ރާ ބޯންދޭ (ސާރވްކުރާ) މީހާއަށާއި، ރާ ވިއްކާ މީހާއަށާއި، ރާ ވިއްކައިގެން ބޭނުންކުރާ މީހާއަށާއި، ރާ ގަނެދޭ މީހާއަށާއި، އެމީހަކަށްޓަކައި ރާ ގަންދެވޭ މީހާއަށެވެ."

ބަނގުރާއަކީ ހުރިހާ ހަޑި މުޑުދާރު ޢަމަލުތަކެއްގެ މަންމަކަމުގައިވެސް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައި ވެއެވެ. އަދި އެއީ ހުރިހާ ފާފައެއްގެ ތަޅުދަނޑި ކަމުގައިވެސް ބައެއް ބަސްފުޅުތަކުގައި ވެއެވެ. އެބޯމީހާގެ ނަމާދު ސާޅީސް ދުވަސް ވަންދެން ޤަބޫލު ނުކުރައްވާނޭ ކަމުގައިވެސް ވަނީ ޙަދީޘް ކުރައްވާފައެވެ. އަދި އެޙާލުގައި ހުރެ އޭނާ ތައުބާ ނުވެ މަރުވެއްޖެނަމަ އޭނާ ވާހުށީ ނަރަކައިގެ އަލިފާނުގައި ކަމުގައިވެސް ވަނީ ޙަދީޘް ކުރައްވާފައެވެ.

ބަނގުރަލުގެ ނުބައިކަން ބަޔާންކުރައްވަފައިވާ އެތައް ބަސްފުޅުތަކެއް އެބަހުއްޓެވެ. މާތްވެގެންވާ އިސްލާމް ދީނުގައި، އިންސާނާގެ ކަރާމާތް ރައްކާތެރިކޮށްދެއްވުމަށްޓަކައި، ބަނގުރަލާއި މަސްތުވާތަކެތި ޙަރާމް ކުރައްވާފައިވުމީ، އަޅުގަނޑުމެންނަށް ލިބިފައިވާ ބޮޑު ނިޢުމަތެކެވެ. ނަމަވެސް، ތަރައްޤީއާއެކު ފަތުރުވެރިކަމާއި، މީހުންދިރިއުޅޭ ރައްތަކުގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށާއި، މީހުން ދިރިއުޅޭ ރައްތަކުގައި ގެސްޓު ހައުސް ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން، ބަނގުރަލުގެ މުޢާމަލާތްތައް ކުރާކަމީ ހިތާމަ ހުރިކަމެކެވެ. އަދި މިއީ ދިވެހި މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން އިތުރަށް ޚަރާބުކުރުވައި، އަންނައޮތް ޖީލުތަކުގެ ޒުވާނުންގެ ހަލާކު ކަމުގައި ވެގެންދާނޭ ކަމެކެވެ.

ބަނގުރަލާއި މަސްތުވާ ތަކެތީގެ ވަބާއަކީ ޢާލަމީ އާފާތެކެވެ. ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ނުބައިކަމުން މުޖްތަމަޢު ސަލާމަތް ކުރުމަށްޓަކައި ޣައިރު ދީންތަކުގެ މުޖްތަމަޢުތަކުގައިވެސް ހަރުކަށި ފިޔަވަޅުތައް އެޅިފައި ހުރެއެވެ. އެގޮތުން ވަކި އުމުރެއްގެ ބަޔަކަށް މެނުވީ ބަނގުރާ ނުވިއްކުމާއި، މަސްތުވެގެންވާ ޙާލު ދުވާތަކެއް ދުވުން މަނާކުރުން ފަދަ ކަންކަން ކަނޑައެޅިފައި ހުރެއެވެ.
ވީއިރު، އަޅުގަނޑުމެންގެ މުޖްތަމަޢުގައި ބަނގުރާ އާއި މަސްތުވާތަކެތި އާއްމުވެގެން ދިޔަ ނުދިނުމަށްޓަކައި، ހޭލުންތެރިކަން އިތުރު ކުރުމާއި، އެތަކެތީގެ ނުރައްކާތެރިކަން މީސްތަކުންނަށް ކިޔައިދިނުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެކެވެ. މައިންބަފައިން، އެބައިމީހުންގެ ދަރީން ތަރުބިއްޔަތު ކުރާހިނދު، ބަނގުރާ އާއި މަސްތުވާތަކެތީގެ ބިރުވެރިކަން އެކުދިންނަށް ކިޔައިދީ، އެއާ ގާތްކުރަނިވި އެންމެހާ މަގުތަކެއް ބަންދުކުރުމަށްވެސް މަސަތްކަތްތަކެއް ކުރަންޖެހެއެވެ.