ބޭރު ކުޅިވަރު

ރޮނާލްޑޯ އަގަކީ 60 މިލިއަން ޕައުންޑް. އޭނާ ގަތުމަށް ޔުނައިޓެޑް ތައްޔާރުވަނީ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާއަގަކީ 60 މިލިއަން ޕައުންޑް ކަމަށް ރެއާލް މެޑްރިޑުން ނިންމުމުން ކުޅުންތެރިޔާ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑް ތައްޔާރުވާން ފަށައިފި އެވެ.

އުމުރުން 30 އަހަރުގެ ރޮނާލްޑޯ ގަތުމަށް ޔުނައިޓެޑް ތައްޔާރުވާން ފެށިކަން އިއުލާނުކޮށްދިނީ އެ ޓީމުގެ ކޯޗު ލުއިސް ވެންހާލް އެވެ.

"އޭނާ ވިންގުތަކުން ކުޅޭ. އޭނާ ވަރަށް ހަލުވި އަދި ގޯލު ޖަހާ. އަހަންނަކަށް ހިޔެއް ނުވޭ ދުނިޔޭގައި އޭނާ ލައްވައި ކުޅުވަން ބޭނުންނުވާ ކޯޗަކު ހުންނާނެހެން. އެއީ ޔަގީން ކަމެއް. އަހަރުމެން އޭނާ އަށް ޝައގުވެރިވަން. ވަކި ރޮނާލްޑޯއެއްނޫން. ހުރިހާ ކުޅުންތެރިންނަށް ވެސް ޝައުގުވެރިވަން. އެކަމަކު މިއިން ކުޅުންތެރިއެއް ލިބުމަކީ ފަސޭހަކަމެއްނޫން. އަހަރުމެން ވެސް ބަލަމުންމިދަނީ،" ޕްރެމިއާ ލީގުގައި ރޭ 2-1އިން ވޮޓަފޮޑް ބަލިކުރުމަށްފަހު ވެންހާލް ބުންޏެވެ.

ޔުނައިޓެޑަކީ ރޮނާލްޑޯ އަށް 260،000 ޕައުންޑް ހަފުތާއެއްގެ މުސާރަ އަށް ދެވޭނެ މަދު ކުލަބުތަކުގެ ތެރެއިން އެއް ކުލަބުވެސްމެ އެވެ.

ދުނިޔޭގެ ރެކޯޑް ފީއަކަށް 2009 ވަނަ އަހަރު ޔުނައިޓެޑުން ރެއާލް އަށް ގެންދިޔަ ރޮނާލްޑޯ ވިއްކާލަން ރެއާލްއިން ނިންމީ އޭނާ އާއި ކުލަބާ މައްސަލަޖެހުމުންނެވެ. ހާއްސަކޮށް މިހާރުގެ ކޯޗު ރަފާ ބެނީޓޭޒްއާ ރޮނާލްޑޯއާ އޮތް ގުޅުން ވަރަށް ގޯހެވެ. ބެނީޓޭޒް ބޭނުންވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މިވަގުތުހުރި ގެރެތް ބޭލް ވަށައިގެން ރެއާލްގެ ޓީމު ބިނާކުރާށެވެ. ރޮނާލްޑޯ އާއި ބެނީޓޭޒާ ދެމެދު އޮތް ގޯސް ގުޅުމުގެ ހުޅު ފަޅައިގެންދިޔައީ މިކަމާހެދި އެވެ.

ބާސެލޯނާ އަތުން ރޭ ރެއާލް މެޑްރިޑް 4-0އިން ބަލިވި މެޗުގައި ރެއާލްގެ ސަޕޯޓަރުން ވަނީ ރޮނާލްޑޯ އަށް މަލާމާތްކޮށްފަ އެވެ.