ކުޅިވަރު

އަލް ނަސްރާ އެކު ރޮނާލްޑޯގެ ފެށުން ރަނގަޅު ކޮށްފި

ސައުދީ އަރަބިއާގެ ޕްރޯ ލީގުގައި ކުޅޭ އަލް ނަސްރުއާ ގުޅުމަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި ރޭ އިއްތިފާގާ ވާދަކުރި މެޗުން 0-1 އިން އަލް ނަސްރު މޮޅުވެއްޖެ އެވެ.

37 އަހަރުގެ ރޮނާލްޑޯ ސައުދީ ޕްރޯ ލީގަށް ބަދަލުވީ ރެކޯޑް އާމްދަނީއެއްގަ އެވެ. އަލް ނަސްރަށް ކުޅުމުގެ ކުރިން ސީޒަނުގެ ފުރަތަމަ ބައިގައި ރޮނާލްޑޯ ފެނުނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ރޮނާލްޑޯ ޔޫރަޕް ފުޓްބޯޅަ ދޫކޮށްލިއިރު ޔުނައިޓެޑްގެ އިތުރުން ރެއާލް މެޑްރިޑާއި ޔުވެންޓަސްގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.

ސައުދީ އަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ އެންމެ ފުރަތަމަ ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު އެގްޒިބިޝަން މެޗެއްގަ އެވެ. އެ މެޗުގައި ވާދަކުރީ ފްރާންސްގެ ޕީއެސްޖީ އާއި ސައުދީގެ އަލް ހިލާލް އަދި އަލް ނަސްރު ހިމެނޭހެން ނެރުނު އޯލްސްޓާ ޓީމެވެ. މެޗުގައި މޮޅު ކުޅުމެއް ދައްކައި ރޮނާލްޑޯ ދެ ގޯލު ޖެހި އެވެ.

ރޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ރޮނާލްޑޯ މެޗު އެއްކޮށް ފުރިހަމަކުރި އެވެ. މިއީ ފަހަކަށް އައިސް ކްލަބް މެޗެއް ރޮނާލްޑޯ ފުރިހަމަކުރި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑްގައި މި ސީޒަނުގައި ރޮނާލްޑޯ އަށް ގިނަ މެޗުތަކުގައި ފުރުސަތެއް ނުލިބުނެވެ. ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލުމުގެ މައިގަނޑު ސަބަބަކީ ވެސް ކުޅެން ލިބޭ ފުރުސަތު މަދުވެ ކޯޗު އެރިކް ޓެން ހާގާ މައްސަލަ ޖެހުމެވެ.

ފުރަތަމަ ފަހަރަށް އަލް ނަސްރުއާ އެކު ވާދަވެރި މެޗަކަށް ރޮނާލްޑޯ ނުކުތުމުން އެޓީމުގެ ސަޕޯޓަރުންގެ ފުރިހަމަ ތަރުހީބެއް ރޮނާލްޑޯ އަށް ލިބުނެވެ. މިގޮތުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ރޮނާލްޑޯގެ ޖާޒީގައި ބެނާތައް ހިފައިގެން ތިބެ ތަރުހީބުދީފަ އެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލު އަލް ނަސްރަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ޓަލިސްކާ އެވެ.

މޮޅާ އެކު އަލް ނަސްރު ވަނީ އަލުން އެއްވަނަ އަށް އަރައިފަ އެވެ. 14 މެޗުން އެޓީމަށް 33 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތީ 15 މެޗުން 32 ޕޮއިންޓް ލިބިފައިވާ ވާދަވެރި އަލް ހިލާލް އެވެ. ސައުދީ ލީގުގައި ވާދަކުރަނީ 16 ޓީމެވެ.