ކްރިސްޓިއާނާ ރޮނާލްޑޯ

ފަހު ވަގުތު ރޮނާލްޑޯ ޖެހި ޕެނަލްޓީ އިން އަލް ނަސްރު މޮޅުވެއްޖެ

ސައުދީ ޕްރޯ ލީގުގައި އިއްޔެ ކުޅުނު މެޗުގައި އަލް ނަސްރު، އަލް ޝަބާބް އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

ރިޔާދުގައި ކުޅުނު މި މެޗުގެ މޮޅުވުމުގެ ލަނޑު އަލް ނަސްރަށް ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ޕެނަލްޓީ އަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފުގެ ކުރީކޮޅު އަލް ނަސްރުގެ އައިމެރިކް ލަޕޯޓެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައި އަލީ އަލް ހަސަން އަލް ޝަބާބަށް ލަނޑެއް ޖަހައި މެޗު އެއްވަރުކުރިއެވެ.

12 މިނެޓުގެ އިތުރު ވަގުތު ދިން މި މެޗުގައި ރޮނާލްޑޯގެ ޕެނަލްޓީ ލަނޑުގެ އިތުރުން އަލް ނަސްރުގެ ޑިފެންޑަރު މުހައްމަދު ސިމަކަން ރަތް ކާޑު ލިބިގެން ދަނޑުން ބޭރުކުރެވުނެވެ.

މި މެޗުން މޮޅުވުމާއެކު އަލް ނަސްރު ވަނީ 7 މެޗުން 17 ޕޮއިންޓާއެކު ލީގު ތާވަލުގެ ދެވަނައަށް އަރާފަ އެވެ. އެއްވަނައިގައިވާ އަލް ހިލާލްވެސް އިއްޔެ ކުޅުނު މެޗުގައި އަލް ފައިހާ އަތުން 3-0 އިން މޮޅުވެފައި ވެއެވެ. މި މެޗުގައި އަލް ހިލާލަށް ލަނޑު ޖެހީ މާކޮސް ލިއޮނާޑޯ، ސާލިމް އަލް ދައުސާރީ އަދި މުހައްމަދު އަލް ގަހުތާނީ އެވެ.

އަލް ހިލާލް ވަނީ މިހާތަނަށް ކުޅުނު 7 މެޗުންވެސް މޮޅުވެ، 21 ޕޮއިންޓާއެކު ސައްތައިން ސައްތަ ރެކޯޑަކާއެކު ލީގު ތާވަލުގެ އެއްވަނައިގަ އެވެ.