ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯ ފުޓްބޯޅަ ކުޅުން ހުއްޓާލާކަމުގެ އިޝާރާތެއް

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރު ދުވަހުގެ ތެރޭގައި ފުޓްބޯޅަ ކުޅުން ހުއްޓާލާނެކަމުގެ އިޝާރާތެއް ދީފި އެވެ.

މިކަން އޭނާ ހާމަކުރީ ޔުއެފާ ނޭޝަންސް ލީގުގައި ޕޮލެންޑް އަތުން 5-1 އިން ޕޯޗުގަލް މޮޅުވި މެޗަށްފަހު ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގަ އެވެ.

މި އިންޓަވިއުގައި ރޮނާލްޑޯ ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ކޯޗެއްގެ ގޮތުގައި މަސައްކަތް ނުކުރާނެކަމުގެ ޔަގީންކަންވެސް ދީފަ އެވެ.

"އަހަރެންގެ މުސްތަގުބަލު އޮތީ ފުޓްބޯޅައިން ބޭރުގެ އެހެން ދާއިރާއަކުން. އަހަރެންނަކަށް ނުފެނޭ އަހަރެން ޓީމެއް މެނޭޖު ކުރާ ތަނެއް. އެއީ އަހަރެންގެ ޕްލޭންތަކުގައި ހިމެނޭ ކަމެއް ނޫން،" ރޮނާލްޑޯ ބުންޏެވެ.

މިވަގުތު ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުގައި ކުޅެމުންދާ ރޮނާލްޑޯއަށް އަންނަ އަހަރުގެ ފެބްރުއަރީ މަހު 40 އަހަރު ފުރޭނެ އެވެ.

އުމުރުން ދުވަސްވަމުން ދިޔަ ނަމަވެސް އޭނާ އަދިވެސް އަންނަނީ ރަނގަޅު ފޯމެއްގައި ކުޅެމުންނެވެ. އެގޮތުން ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ވަނީ ދެ ލަނޑު ޖަހާފަ އެވެ.

ރޮނާލްޑޯ ބުނީ އޭނާ މިވަގުތު ބޭނުންވަނީ ހިތްހަމަޖައްސާލަން ކަމަށާއި، މޯޓިވޭޓްވެފައި ހުންނަހާ ހިނދަކު ކުޅުން ހުއްޓާލުމުގެ ވިސްނުމެއް މިވަގުތަށް ނެތް ކަމަށެވެ. އަދި ކުޅުމުގައި ކުރިއަށްދާން ބޭނުންނުވާކަމަށް ފެނިއްޖެނަމަ ރިޓަޔާކުރާނެ ކަމަށްވެސް ބުންޏެވެ.

އަލް ނަސްރުގައި މިހާތަނަށް ކުޅެދިން 85 މެޗުގައި ރޮނާލްޑޯ ވަނީ 74 ލަނޑު ޖަހާފަ އެވެ. އަދި މި ސީޒަންގައި އޭނާ ވަނީ މިހާތަނަށް 6 ލަނޑު ޖަހާފަ އެވެ.

ޕޯޗުގަލް އަންނަ އަންގާރަ ދުވަހު ނޭޝަންސް ލީގުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭއިރު، ރޮނާލްޑޯއަށް އަރާމުކުރުމުގެ ފުރުސަތު ދީފައިވާތީ އެ މެޗުގައި ބައިވެރިނުވެ، އޭނާ އެނބުރި ކްލަބާ ގުޅޭނެ އެވެ.