ކުޅިވަރު

ޔޫރަޕްގަ ނުލިބޭ އެއްޗެއް ނެތް، ސައުދީގަ އޮތީ ވާދަވެރި ލީގެއް: ރޮނާލްޑޯ

ޔޫރަޕް ފުޓްބޯޅައިގައި ނުލިބޭ އެއްޗެއް ނެތް ކަމަށާއި، އޭޝިއާގެ ފުޓްބޯޅަ އަށް އައީ އަމިއްލަ އަށް އެގޮތަށް ނިންމައި އާ ޗެލެންޖެއްގައި ބައިވެރިވުމަށް ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ، 37، ސައުދީ އަރަބިއާގެ ޕްރޯ ލީގުގައި ކުޅެމުން އަންނަ އަލް ނަސްރުއާ ގުޅުނީ މިދިޔަ ހަފްތާގަ އެވެ. ނަސްރުއާ ގުޅުމަށް ފަހު ރޮނާލްޑޯ ރަސްމީކޮށް އެ ކްލަބުގައި ދައްކާލީ ރޭ އެ ކްލަބުގެ ސްޓޭޑިއަމްގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ރޮނާލްޑޯ އަށް މަރުހަބާ ކިއުމަށް ގާތްގަނޑަކަށް 75 ހާހެއްހާ ސަޕޯޓަރުން އަލް ނަސްރު ސްޓޭޑިއަމް ކައިރި އަށް ޖަމާވި އެވެ. އެކަމަކު އެ ސްޓޭޑިއަމްގެ ކެޕޭސިޓީ އަކީ 25 ހާސް މީހުންނެވެ.

ސައުދީ އަށް ދިރިއުޅުން ބަދަލުކޮށް ނަސްރު ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާއާ ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ އޭނާ އަށް ދުނިޔޭގެ އެހެން ގައުމުތަކުގެ އޮފާ ލިބުނު ކަމަށެވެ.

"މި ކްލަބަށް އަންނަން ބަސްބުނީ އަހަރެން. އަހަރެން ޔޫރަޕްގައި ހުރިހާ ކާމިޔާބީއެއް ހޯދައިފިން. ޔޫރަޕްގައި ކުޅުނީ އެންމެ މޮޅު ކްލަބްތަކަށް. މިފަހަރު އޭޝިއާގަ މިއޮތީ މުޅިން އާ ޗެލެންޖެއް" ފުޓްބޯޅަ ކެރިއަރު އޭޝިއާ އަށް ބަދަލުކޮށްލުމަށް ފަހު ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އަލް ނަސްރު އަށް ބަދަލުވީ ކުޅުންތެރިއަކަށް ލިބޭ އެންމެ މަތީ މުސާރައިގަ އެވެ. ރިޕޯޓުތައް ބުނާގޮތުން އެޓީމުން ރޮނާލްޑޯ އަށް އަހަރު އަހަރު 177 މިލިއަނަށް ވުރެ ބޮޑު މުސާރައެއް ދޭނެ އެވެ. ރޮނާލްޑޯ އެ ކްލަބާ އެކު ހުންނާނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.

ރޮނާލްޑޯ ކެރިއަރު ނިންމާލުމުގެ ކުރިން އޭޝިއާގެ ކްލަބަކަށް ބަދަލުވުމުން ފާޑުކިޔުން ވެސް އަންނަނީ އަމާޒު ވަމުންނެވެ.
"އެހެން މީހުންނަށް ނޭނގިދާނެ. އަހަރެންނަށް ޔޫރަޕުންނާއި. ބްރެޒިލްގެ ކްލަބްތަކުންނާއި، އޮސްޓްރޭލިއާ، އެމެރިކާ އަދި ޕޯޗުގަލްގެ ކްލަބްތަކުން ހުށަހެޅުން ލިބުނު. ބައިވަރު ކްލަބްތަކުން އަހަރެން ހޯދަން އުޅުނު" ރޮނާލްޑޯ ބުންޏެވެ.

ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ރޮނާލްޑޯ ބޭއްވި ކުރު ޕްރެސް ކޮންފަރެންސްގައި ޖަވާބު ދީފައިވަނީ ހަމައެކަނި އަލް ނަސްރުގެ އޮފިޝަލްގެ ސުވާލުތަކަށެވެ. އެހެން ރިޕޯޓަރުންނަށް ސުވާލުކުރުމުގެ ފުރުސަތު ރޭގެ ޕްރެސްގައި ހުޅުވައެއްނުލަ އެވެ.
"މިއީ ވަރަށް ޔުނީކު އެއްބަސްވުމެއް. އަހަރެންނަކީ ވެސް ޔުނީކު މީހެއް. އެއީ އަހަރެންނަށް ނޯމަލް ކަމެއް" ސައުދީ އަރަބިއާގެ ޗެމްޕިއަން ޓީމާ ގުޅުމަށް ފަހު ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އޭނާ ހުރީ މިހާރު ވެސް ކުޅެން ތައްޔާރަށް ކަމަށާއި ބުރާސްފަތި ދުވަހު އަލް ނަސްރު ޕްރޯ ލީގުގައި އަލް ތާއީއާ ދެކޮޅަށް ކުޅޭ މެޗުގައި ކޯޗު ބޭނުންކުރަން ނިންމައިފިނަމަ އެ މެޗުގައި ވެސް ކުޅޭނެ ކަމަށެވެ. އެ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރު އެވެ.