ކުޅިވަރު

ރޮނާލްޑޯ އަށް އަހަރެން ކިޔައިދޭނެ އެއްޗެއް ނެތް: ކޯޗު

ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކޯޗުކޮށްދޭން ވަރަށް ފަސޭހަވާނެ ކަމަށާއި، ސަބަބަކީ ފުޓްބޯޅައިގައި ރޮނާލްޑޯ އަށް ކިޔައިދޭން ޖެހޭނެ އެއްޗެއް ނެތުން ކަމަށް ސައުދީ އަރަބިއާގެ ޕްރޯ ލީގުގައި ވާދަކުރަމުން އަންނަ އަލް ނަސްރު ޓީމުގެ ކޯޗު، ރުޑީ ގާސިއާ ބުނެފި އެވެ.

އުމުރުން 58 އަހަރުގެ ފްރާންސަށް އުފަން ކޯޗު އަލް ނަސްރުއާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އޭގެކުރިން ގާސިއާ ވަނީ ފްރާންސްގެ ލިލް އާއި މާސޭގެ އިތުރުން ލިޔޯން އަށް ކޯޗުކަން ކޮށްދީފަ އެވެ. އަދި އިޓަލީގެ ރޯމާގެ ކޯޗުކަން ވެސް އޭނާ ކުރި އެވެ.

ގާސިއާގެ ކޯޗުކަމުގައި އަލް ނަސްރު ޓީމަށް ގެނައި އެންމެ ބޮޑު ބަދަލަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމެވެ. އުމުރުން 37 އަހަރުގެ ރޮނާލްޑޯ ދުނިޔޭގެ ރެކޯޑް މުސާރައަކަށް އަލް ނަސްރުއާ ގުޅުނީ މިދިޔަ ހަފްތާގަ އެވެ. އަލް ނަސްރު އަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ ރަސްމީކޮށް އެ ކްލަބުގެ ސަޕޯޓަރުންނަށް ދައްކާލީ ރޭ އެ ކްލަބުގެ ސްޓޭޑިއަމްގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި މީޑިއާއާ ވާހަކަދައްކަމުން ގާސިއާ ވަނީ ރޮނާލްޑޯގެ ބަދަލަށް މަރުހަބާ ކިޔައި އެއީ ސައުދީގެ ފުޓްބޯޅަ އަށް ލިބުނު ކުރިއެރުމެއް ކަމަށް ބުނެފަ އެވެ.

"އަހަރެންގެ ހަޔާތުގައި ރޮނާލްޑޯ ކަހަލަ ވަރަށް މޮޅެތި ކުޅުންތެރިން ފެނިއްޖެ. ރޮނާލްޑޯ ވާނެ ކޯޗުކޮށްދޭން އެންމެ ފަސޭހަ ކުޅުންތެރިޔާ އަށް. އެއީ ރޮނާލްޑޯ އަށް އަހަރެން ކިޔައިދޭނެ އެއްޗެއް ނޯންނާނެ" ކޯޗު ބުންޏެވެ.

ރޮނާލްޑޯ އަލް ނަސްރުއާ ގުޅުމާ އެކު އެ ކްލަބުގެ މަޝްހޫރުކަން އެތައް ގުނައެއް ވަނީ އިތުރުވެފަ އެވެ. ކޯޗު ބުނީ އޭނާ ބޭނުންވަނީ ރޮނާލްޑޯ އެ ކްލަބުގައި ވަރަށް އުފަލުގައި ހުންނަން ކަމަށެވެ.

"އަހަރެން އަމާޒަކީ ރޮނާލްޑޯ މި ކްލަބުގައި އުފަލުގައި ބެހެއްޓުން. އަލް ނަސްރު ޓީމުގައި މޮޅަށް ކުޅެ މެޗުތަކުން މޮޅުވާން" ކުރީގެ މިޑްފީލްޑަރު ބުންޏެވެ.

އަލް ނަސްރު ޓީމާ ގުޅުމަށް ފަހު ރޮނާލްޑޯ ބުނީ އޭނާ އަށް ޔޫރަޕްގައި ހުރިހާ ކާމިޔާބީއެއް ލިބިއްޖެ ކަމަށާއި އޭޝިއާ އަށް ބަދަލުވީ މުޅިން އާ ޗެލެންޖަކަށް ކަމަށެވެ. އަދި، ސައުދީ ލީގަކީ ވާދަވެރި ލީގެއް ކަމަށް ރޮނާލްޑޯ ބުންޏެވެ.

"އަހަރެންނަށް އެނގޭ މި ލީގު ވަރަށް ވާދަވެރިކަން. އަހަރެންނަށް ގިނަ މެޗުތަކެއް ފެނިއްޖެ. ބުދަ ދުވަހަށް ފަހު އަހަރެން ޓީމުގައި ކުޅުވަން ކޯޗު ބޭނުންވެއްޖެ ނަމަ އަހަރެން މިހުރީ ތައްޔާރަށް" ކުޅެން ތައްޔާރަށް ހުރިކަން ހާމަކުރަމުން ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ގުޅުމަށް ފަހު އަލް ނަސްރު ޓީމު ކުޅޭ ފުރަތަމަ މެޗު އޮންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރު އެވެ.