ސްކޫލުތަކުގެ ކުދިން ވެކްސިން ޖަހަން ތައްޔާރުވާން އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އަވަސްއަށް މިއަދު ވިދާޅުވީ ވެކްސިން ޕްރޮގްރާމް ފަށަން ތައްޔާރުވުމުގެ ގޮތުން ދަރިވަރުންގެ މައުލޫމާތު ހިމެނޭ ރެކޯޑްވެސް ހޯދައިފައިވާ ކަމަށެވެ.
އަހްމަދު ވިދާޅުވީ ވެކްސިން ލިބުމާއެކު ލަސްތަކެއް ނުވެ އެޗްޕީއޭއާ ގުޅިގެން ވެކްސިން ޕްރޮގްރާމް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
ސަރުކާރުން ނިންމާފައިވަނީ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ދޭށެވެ. އެ ވެކްސިން ލިބޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
ސްކޫލުތަކުގެ ކުދިންނަށް ވެކްސިން ދޭން ނިންމި ނަމަވެސް އެ ވެކްސިން ޖެހުން މަޖުބޫރުވާނެ ކަމެއް އަދި ނޭނގެ އެވެ. އެކަމާ ގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރު އަޅަން ކުދިން ވެކްސިން ޖަހައި ރައްކާތެރިކުރުން ކަށަވަރުކުރަން،" ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވި އެވެ.
ދިރާސީ އާ އަހަރު އަންނަ އަންގާރަ ދުވަހު ފަށާއިރު ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހާއްސަ ވެކްސިން ޕްރޮގްރާމެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަށާފަ އެެވެ. އަދި އަންނަ މަހުން ފެށިގެން ވެކްސިން ފުރިހަމަ ނުކުރާ މީހުން ސްކޫލުތަކަށް ވަނުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.
ދިރާސީ އާ އަހަރު ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭން ނިންމާ، އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ ސުކޫލުތަކަށް އެކަން އަންގާފަ އެވެ.