ކޮވިޑް ވެކްސިން ފުރިހަމަކުރަން ދެޑޯޒް ޖަހަން ޖެހެ އެވެ. އެއްޑޯޒުން ފުދޭ ގޮތަށް ހުންނަ ވެކްސިނާ މެދު ވެސް ސުވާލު އުފައްދައި މުޖުތަމައު ގަނޑުބަޑުކުރަން މަސައްކަތްކުރާ މީހުން އުޅެ އެވެ. އެމީހުން ބުނާ ގޮތުން ދެޑޯޒް ޖެހުމަށް ފަހު ވެސް ބޫސްޓާ ޑޯޒެއްގެ ވާހަކަ ދައްކަނީ ކޮވިޑް ވެކްސިނަކީ ނިމުމެއް އޮތް އެއްޗަކަށް ނުވާތީ އެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނީ ބޫސްޓާ ޑޯޒަކީ ކޮންމެ އަހަރަކު ޖަހަން ޖެހޭ ވެކްސިނެއް ނޫން ކަމަށެވެ.
އެފްޑީއޭއިން ބުނީ ބޭސްވެރިކަމާ ގުޅުން ހުރި އިދާރާތަކުން ބަލަނީ ބޫސްޓާ ޝޮޓެއް އެއްފަހަރު ދިނުމުން މުޅި އުމުރަން ނިމުނީ ކަމަށެވެ. އެއީ ކޮންމެ އަހަރަކު ނުވަތަ ވަކި މުއްދަތަކަށް ފަހު އިއާދަކުރަން ދޭންޖެހޭ ފަރުވާއެއް ކަމަށް ނުބަލާ ކަމަށެވެ.
ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުން ކޮވިޑް ވެކްސިނަކީ އާންމުން މާޔޫސްކުރަން ޖަހާ އެއްޗެއް ނޫނެވެ. ދެ ޑޯޒް ޖެހުމަށް ފަހު ބޫސްޓާ ޑޯޒެއް ޖެހުމަކީ މިހާރު ވެސް ބައެއް ބަލިތަކަށް ފަރުވާކުރާ ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ބަލި ރަނގަޅުވަމުން އަންނަ ގޮތް ބަލައި ފަރުވާއަށް ބަދަލު ގެނައުމަކީ ވެސް ބޭސްވެރިކަމުގައި ކުރާ ކަމެއް ކަމަށާއި ހެޕަޓައިޓިސް ބީއަށް ފަރުވާ ފުރިހަމަކުރުމުގައި ވެސް ތިން ޑޯޒް ޖަހަން ޖެހޭ ވެކްސިނެއް ބޭނުންކުރަން ޖެހޭ ކަމަށެވެ.