މާލޭ ސިޓީ ކައުންސިލް

ދެ ކުންފުނިން ބަންދުކޮށްފައިވާ މަގުތައް ހުޅުވަން މަސް ދުވަސް

ސްޓެލްކޯއާ އެމްޑަބްލިއުއެސްސީއިން ބަންދުކޮށްފައިވާ މަގުތަކަށް މަސްދުވަސްތެރޭ ހުޅުވަން އަންގައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވީ ސްޓެލްކޯއާ އެމްޑަބްލިއުއެސްސީއިން ބަންދުކޮށްފައިވާ މަގުތަކަށް މަސްދުވަސްތެރޭ ހުޅުވަން އަންގާފައިވާ ކަމަަށެވެ. މުއިއްޒު ވިދާޅުވީ މާލޭގެ ބައެއް މަގުތަކާއި ގޯޅިތައް އާންމުންނަށް ބޭނުންނުކުރެވޭ ގޮތަށް ބަންދުކޮށްފައިވާތީ ދިމާވާ ދަތި އުނދަގޫތަކުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. އެހެން ކަމުން އެ މަގުތަކާއި ގޯޅިތައް ހުޅުވުމަށް ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީ އަށް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ހުޅުވަން އަންގާފައިވަނީ ސްޓެލްކޯއިން ބަންދުކޮށްފައިވާ މަގަކާއި ދެ ގޯޅިއެކެވެ. އަދި އެމްޑަބްލިއުއެސްސީއިން ބަންދުކޮށްފައިވާ ދެ ގޯޅިއެކެވެ.

ސްޓެލްކޯއާ އެމްޑަބްލިއުއެސްސީއިން ބަންދުކޮށްފައިވާ މަގުތަކަށް މަސްދުވަސްތެރޭ ހުޅުވަން އަންގާފައިވަނީ ސްޓެލްކޯގެ ސާމާނުތަކެއް ބަހައްޓާފައި ހުރި ބިމެއް އެ ކުންފުންޏަށް ނޭނގި ސިޓީ ކައުންސިލުން ހުސްކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވަނިކޮށެވެ.

މުއިއްޒު ވިދާޅުވީ ސްޓެލްކޯގެ ބިމެއް ގަވައިދާ ހިލާފަށް ސިޓީ ކައުންސިލުން ހުސްކޮށްފައި ނުވާނެ ކަމަށެވެ. އަދި ބައެއްގެ ބިމެއް ގަވައިދާ ހިލާފަށް ސިޓީ ކައުންސިލްގެ މުވައްޒަފުން ހުސްކުރާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ސިޓީ ކައުންސިލުން ހުސްކޮށްފައިވަނީ ސްޓެލްކޯއިން މާލޭގެ ސިނާއީ ސަރައްދުން މޭރީބްރައުން ކުރިމަތިން ދީފައިވާ ބިމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.

ސްޓެލްކޯގެ އޮފިޝަލެއް އަވަސް އަށް ވިދާޅުވީ ސިޓީ ކައުންސިލުން އެ ބިން ހުސްކުރި ކަން އެނގުނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށާއި ހުސްކޮށްފައިވާ ބިމަކީ ސްޓެލްކޯ އިން ބޮޑު ހަރަދެއް ކޮށްގެން ފެންސް ޖަހާ ބަންދު ވެސް ކޮށްފައިވާ ބިމެއް ކަމުގައި ވިދާޅުވި އެވެ.

ސްޓެލްކޯގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މާލޭ ސިޓީ ކައުުންސިލުން އެ ބިން ސާފުކުރި އިރު ސީސީޓީވީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށްޓަކައި ސްޓެލްކޯއިން ކޮންޓްރެކްޓަރު ލައްވައި ބެހެއްޓި ބައިވަރު އެއްޗެތި ގެއްލިފައިވާ ކަމަަށެވެ.

"މިތަން ސެކިއޯ ކުރުމަށްޓަކައި އަޅުގަނޑުމެން ވާނީ ގާތްގަނޑަކަށް ފަސް ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ބިންގަނޑު ލެވެލްކޮށް މިތަނުގައި ހުރި ކުންޏާ އެއްޗެތި ބޭރުކޮށް މިތަން ސާފުކޮށްފައި ވަށައިގެން ފެންސްވެސް ޖެހިފައިވާނީ. އަޅުގަނޑުމެންވާނީ ފެންސް ޖަހާފަ ސީސީޓީވީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށްޓަކައި ބައިވަރު އެއްޗެތި ބަހައްޓައިފައި. އެ އެއްޗެތި ނެތް މިހާރު. ހަމައެކަނި ހުރީ ކޮންޑިއުޓް ހޮޅިކޮޅެއް އެތަނުގައި ފެންނަން ހުރީ." ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މިިދިޔަ ހަފްތާ ބަންދުގައި އެ ކުުންފުންޏަށް ނުވެސް އަންގައި މާލޭ ސިޓީ ކައުންސިލުން އެ ބިމުގައި ހުރި ފެންސްތަކާ ޓިނުތައް ނައްޓާފައި އަދި ހޮޅިތައް ވެސް ނަގާފައި އެ އެއްޗެތި ބޭނުންކޮށްގެން އެ ބިމާ ޖެހިގެން ހުރި އެހެން ބިމެއްގައި ފެންސް ޖަހާފައި ކަމަށެވެ.

ސްޓެލްކޯގެ ބިމަކީ 21،000 އަކަ ފޫޓުގެ ބިމެކެވެ. އެ ބިން ބޭނުންކުރަން އިތުރު ޕްލޭންތަކެއްވެސް އެބަހުރި ކަމަށް ސްޓެލްކޯއިން ބުނެއެވެ.