މަސީ

އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތްތެރިން ވެކްސިން ޖަހަން އިލްތިމާސްކޮށްފި

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ އެންމެންވެސް ކޮވިޑް-19ގެ ވެކްސިން ޖަހަން، ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު އެދިވަޑައިގެންފި އެވެ.

ރާއްޖެގައި މަސައްކަތު އާބާދީ ދެވަނައަށް އެންމެ ގިނަ ދާއިރާ ކަމަށްވާ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ރައީސް ޖަނާހު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވެ ތިބެން މި ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ވެކްސިން ޖެހުމަކީ އެންމެންގެ ރައްކާތެރިކަމަށް ކޮންމެހެން ކުރަން ޖެހޭކަމެއް. އެހެންވެ ހުރިހާ ކޮންޓްރެކްޓަރުންނާއި މުޅި މި ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ގޮވާލަން ވެކްސިން ފުރިހަމަ ކުރަން،" ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ)ގެ ރައީސްކަން ކުރައްވާ ޖަނާހު ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ އެންމެން ވެކްސިން ފުރިހަމަ ކުރަން އިލްތިމާސް ކުރިއިރު ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ޖަހަން ހާއްސަ ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް ބައެއް ހިދުމަތްތައް ނުދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި 50،000 މީހުން މަސައްކަތް ކުރެ އެވެ. މީގެތެރޭގައި ދިވެހިންގެ 5،000 މީހުން ވެސް ހިމެނެ އެވެ.