ސިއްހަތު

30 އަހަރުން މަތީގެ އަންހެނުންނަށް ލިބޭ ކުދިންގެ ޑިޕްރެޝަން ބޮޑު

Nov 22, 2015

އުމުރުން 30 އަހަރުން މައްޗަށް ގޮސްފައިވާ އަންހެނުންނަށް ލިބޭ އަންހެން ކުދިންނަށް އެމީހުންގެ ފުރާވަރުގެ އަހަރުތަކުގައި ޑިޕްރެޝަންގެ މައްސަލަ ބޮޑުވާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ޔުނިވާސިޓީ އޮފް ވެސްޓާންސް އޮސްޓްރޭލިއާގެ ތަޖުރިބާކާރުންގެ ޓީމަކުން މި ދިރާސާއެއްކޮށްފައި ވަނީ އެގައުމުގައި 1989 ވަނަ އަހަރުން ފެށިގެން 1991 ވަނަ އަހަރާ ހަމަ އަށް އުފަންވި ކުދިންގެ މައުލޫމާތު އެއްކޮށްގެންނެވެ. ޖާނަލް އޮފް އެބްނޯމަލް ސައިކޮލޮޖީގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންނަށް ލިބޭ ކުދިންގެ ޑިޕްރެޝަންގެ މައްސަލަތަކާއި ސްޓްރެސް އަދި އެންޒައެޓީގެ މައްސަލަތައް، 30 އަހަރު ނުފުރޭ އަންހެނުންގެ ކުދިންނަށް ވުރެ ބޮޑު ކަމަށެވެ.

މި ދިރާސާގެ ތަޖުރިބާކާރުން ބުނެފައި ވަނީ އަންހެން މީހާ އަކީ 34 އަހަރުން މައްޗަށް ގޮސްފައިވާ މީހެއް ނަމަ އޭނާ އަށް ލިބޭ އަންހެން ކުދިންނަށް މިފަދަ ނަފުސާނީ މައްސަލަތަކުގެ ނުރައްކާ އަދި ވަކިން ހާއްސަކޮށް ޑިޕްރެޝަންގެ މައްސަލަ ބޮޑެވެ.

އެހެން ނަމަވެސް އުމުރުން ދުވަސްވީ އަންހެނުންނަށް ލިބޭ ފިރިހެން ކުދިންނަށް މިފަދަ ނަފްސާނީ މައްސަލަތަކެއް ކުރިމަތިވާކަމަކަށް މި ދިރާސާއަކުން ނުދައްކަ އެވެ. އަދި މަންމަގެ އުމުރުގެ ތަފާތަކުން ދަރިފުޅަށް އަސަރުތަކެއްކުރިއަސް ބައްޕަގެ އުމުރުގެ ތަފާތަކުން ދަރިފުޅުގެ ސިއްހަތަށް އަސަރުތަކެއް ކުރާ ކަމަކަށް ވެސް ނުދައްކަ އެވެ.

ޑިޕްރެޝަން ހުންނަކަން ދެނެގަންނާނީ ކިހިނެތް؟

މޮޅިވެރިކަމަކީ އިންސާނާގެ ހަޔާތުގެ ދިގު ދަތުރުގައި ދިމާވެދާނެ ކަމެކެވެ. އެހެން ނަމަވެސް މި ހިތްދަތިކަމެއް ނުވަތަ މާޔޫސްކަމަކާ ކޮންމެ ދުވަހަކު ކުރިމަތިލާންޖެހިއްޖެ ނަމަ އެއީ ސިއްހީ މައްސަލައެއް ކަމަށް ބަލަން ޖެހެ އެވެ.

ޑިޕްރެޝަން އަކީ ނަފްސާނީ ބަލިކަށިކަމުގެ ނުވަތަ ފަރުވާ ހޯދަން ޖެހޭ ނަފުސާނީ ބަލިތަކުގެ ތެރެއިން އެންމެ އާންމު އަދި ނިކަން ނުރައްކާ ވެސް ބޮޑު މައްސަލައެކެވެ. ޑިޕްރެޝަން ހުންނަ މީހުންނަކީ އާންމުކޮށް ހިތާމައާއި ހިތްދަތިކަން އިހްސާސްކުރެވޭ މީހުންނެވެ.

މިސާލަކަށް ދިމާވެފައިވާ މައްސަލައަކުން ސަލާމަތްވާނެ ގޮތެއް ނެތް ކަމަށް ހީވުމާއި އުއްމީދު ގެއްލުމާއި އަގެއްނެތްކަން އިހްސާސްވުމަކީ ޑިޕްރެޝަންގެ މައްސަލަ އެވެ.

ތިރީގައި ބަޔާންކޮށްފައިމިވާ ކަންތައް ނުވަތަ ސިފަތައް އެކުގައި ކޮންމެ ދުވަހަކުހެން ތަޖުރިބާކުރަން ޖެހިފައިވާ ނަމަ މައްސަލައަކީ ޑިޕްރެޝަން އެވެ.

  • އާންމުކޮށް ކޮންމެ ދުވަހަކު ވެސް މޫޑް ހަރާބުވެފައިހުރުން. ހާއްސަކޮށް ހެނދުނު ގަޑީގައި.
  • އާދަޔާހިލާފަށް ވަރުބަލިކަން އިހްސާސްކުރެވުން. ކޮންމެ ދުވަހަކު ވެސް.
  • ތިމާ އަކީ ގޯސްމީހެއް ކަމަށް ހީކުރެވުން. އަގެއް ނެތް މީހެއް ކަމަށް ވިސްނުން.
  • ކަންކަމަށް ފޯކަސްނުކުރެވި ބޮލުން ނެއްޓިގެން ދިއުން.
  • ހަމަނިދި ނުލިބުން. ނުވަތަ މާގަދަ އަށް ނިދުން. ކޮންމެ ދުވަހަކު ވެސް.
  • ދުވަހުގެ ހަރަކާތްތަކުން އުފާނުލިބުން، ބައިވެރިވުން ކުޑަވުން
  • އަމިއްލަ އަށް މަރުވުމާއި މަރާ މެދު ފިކުރުކުރެވުން
  • ބަރުހެލިކަން. މަސައްކަތްނުކުރެވޭކަމުގެ އިހްސާސް.
  • އާދަޔާހިލާފަށް ހިކުން. ނުވަތަ ބަރުވުން.