ސިނަ މާލެ ބްރިޖް

ރާޅުގަނޑު ސަރަހައްދު ބަންދުކުރާއިރު ޓްރެފިކް ފްލޯއަށް ވެސް ބަދަލުގެންނާނެ: ހައުސިން

ބްރިޖްގެ އަމަލީ މަސައްކަތް ފަށަން ރާޅުގަނޑު ސަރަހައްދު ބަންދުކުރާއިރު، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވެސް ބަދަލު ގެންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ބްރިޖްގެ މަސައްކަތް ފަށަން ސުނާމީ ބިނާ ސަރަހައްދު ފެންސް ޖަހައި ބަންދުކުރަން ނިންމާފައިވަނީ މިހަފުތާގެ ބުދަ ދުވަހު އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، ސުނާމީ ބިނާ ރާޅުގަނޑު ސަރަހައްދުން ނެގުމަށްފަހު ބްރިޖްގެ މަސައްކަތް ފަށަން އެ ސަރަހައްދުގެ ބޮޑު ބައެއް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. ބަންދުކުރާ ސަރަހައްދަކީ ބޮޑުތަކުރުފާނު މަގުގެ ބައެއް ކަމަށް ވާތީ، އެ ސަރަހައްދު ބަންދުކޮށް، މަގުތަކުގެ ދުއްވުމަށް ބަދަލުތަކެއް ނުގެނެސްފި ނަމަ ޓްރެފިކް ބާރު ބޮޑުވާނެކަމަށް ލަފާކުރެވޭތީ ބައެއް މަގުތަކުގެ ދުއްވުންތަކަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ބްރިޖްގެ މަސައްކަތް ފަށަން މި ހަފުތާގެ ބުދަ ދުވަހު ރާޅުގަނޑު ސަރަހައްދު ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. ފެންސް ޖަހައިގެން ބަންދުކުރަނީ ބޮޑުތަކުރުފާނު މަގުގެ ސުނާމީ ބިނާ ހުރި ހިސާބުން ފެށިގެން އަމީނީ މަގާ ހިސާބަށެވެ.

މުހައްމަދު އިބްރާހިމް ވިދާޅުވީ، މަގުތަކުގެ ދުއްވުމަށް ގެންނާނެ ބަދަލުތައް އަދި ފައިނަލް ނުކުރާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން، ޓްރާންސްޕޯޓް އޮތޯރިޓީއާ ފުލުހުންނާ ކަމާ ބެހޭ އެހެންވެސް އިދާރާތަކާ އެކު ހައުސިން މިނިސްޓްރީން މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ.

"އެހާ ބޮޑު ސަރަހައްދެއް ބަންދުކުރާއިރު ޓްރެފިކް ފްލޯއަށް ބަދަލުތަކެއް އަންނަނާނެ ދެއްތޮ. އަޅުގަނޑުމެން އެކަމުގެ މަޝްވަރާތައް މިހާރުވެސް މި ދަނީ ކުރަމުން. ގެންނަ ބަދަލުތައް ޓްރާންސްޕޯޓް އޮތޯރިޓީއާ ޓްރެފިކް ޑިޕާޓްމަންޓް ފަދަ ތަންތަން ގުޅިގެން މަޝްވަރާ މިކުރަނީ. ބަދަލުތައް ފައިނަލް ކުރުމަށްފަހު އަޅުގަނޑުމެން އެ މައުލޫމާތު ހިއްސާކުރާނަން،" ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

ބްރިޖް މަސައްކަތް ފަށަން ސުނާމީ ބިނާ ރާޅުގަނޑު ސަރަހައްދުން ނެގީ އިއްޔެ އެވެ. ސުނާމީ ބިނާ ރާޅުގަނޑު ސަރަހައްދުން ނެގުމަށްފަހު ބަދަލުކުރަން ނިންމާފައިވަނީ މާލެ ހުޅަނގުފަރާތު ތިންރުއް ޕާކު ސަރަހައްދަށެވެ. އެ މަސައްކަތް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.