ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތަކަށް މިމަހު 17ގެ ފަހުން ވަދެވޭނެ: އެޗްޑީސީ

Aug 9, 2021
1

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ވަދެވޭނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ރޭ ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހުގެ ފަހުން ފްލެޓްތަކުގެ ދާއިމީ ކަރަންޓު ގުޅައިލުމުން ފްލެޓްތަކަށް ވަނުމަށް ހުޅުވައިލާނެ ކަމަށެވެ.

ސުހައިލް ވިދާޅުވީ އެގްރިމެންޓްގައި ސޮއިކޮށް ތަޅުދަނޑި ހަވާލުކޮށްފައިވާ މީހުން ފްލެޓްތަކަށް ވަންނައިރު އަންގާފައި ވަނީ ހަމައެކަނި ލިފްޓް ބޭނުން ނުކުރާން ކަމަށެވެ. އެގޮތަށް އަންގާފައިވަނީ ފްލެޓްތަކަށް މިވަގުތު ކަރަންޓު ދޫކޮށްފައި ހުންނަނީ ވަގުތީ ގޮތުން ކަމަށްވާތީ ދިމާވެދާނެ ކަމަކަށް ބަލާފައި ކަމުގައި ވިދާޅުވި އެވެ. ނަމަވެސް މިހާރުވެސް ފްލެޓްތަކުގެ މިން އެޅުން ފަދަ ކަންކަން ކުރުމަށް ލިފްޓް ބޭނުންކުރާ ކަމަށް ވިދާޅުވި އެވެ.

ހިޔާ ފްލެޓް ލިބުނު މީހުންނާ އެކު މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަނީ އެގްރިމެންޓްތަކުގައި ސޮއިކުރަމުންނެވެ. ސަޮއި ކުރުމާ އެކީ ފްލެޓްގެ ތަޅުދަނޑިތައް ވެސް އަންނަނީ ހަވާލުކުރަމުންނެވެ. ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ކުލި ނުހިނގާ ގޮތަށް ތިން މަސް ދުވަސް ދޭން ނިންމާފައިވާއިރު އެ މުއްދަތު އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގުނަން ވަނީ ނިންމާފަ އެވެ.

ސުހައިލް އިތުރަށް ވިދާޅުވީ ފްލެޓަށް ބަދަލު ގެންނަން ބޭނުންވެގެން ބައެއް ފަރާތްތަކުން ހުށަހަޅަމުންދާ ކަމަށެވެ. އެހެންވެ ފްލެޓްގެ ސްޓްރަކްޗާއަށް އެމީހުން ބޭނުންވާ ފަދަ ބަދަލުތައް ގެނެވޭނެތޯ ބަލަމުންދާ ކަމަށެވެ.

ހިޔާ ފްލެޓްތަކަށް ކަރަންޓް ގުޅާ ނިމުމުން ކޮމާޝަލް ޔުނިޓްތައް ހަދަން ފެށޭނެ ކަމަށާއި އެހެންކަމުން ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާތާ، ގިނަ ދުވަސްތަކެއް ނުވެ އަސާސީ ހިދުމަތްތައް ދެވަނަ ފިޔަވަހިން ލިބޭނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފަ އެވެ.