ރައީސް މުހައްމަދު ނަޝީދު

ރާއްޖެ ނެތިހިނގައިދާނެތީ ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ރާއްޖެއަށް ދިމާވެފައިވާ މޫސުމީ ގޮންޖެހުންތަކާއެކު ރާއްޖެ ނެތިހިނގައިދާނެ ކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިންޓަގަވަރުމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖުން މިއަދު ނެރުނު ރިޕޯޓަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓަކީ ރާއްޖެ ފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައި އޮންނަ ގައުމުތަކަށް ލިބުނު ވަރަށް ނުރައްކާ މެސެޖެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ގައުމުތަައް ނެތިގެން ދާން ވަރަށް ކައިރިވެއްޖެކަން އެނގިގެން ގޮސްފި ކަމަށެވެ.

"ކްލައިމެޓް ޗޭންޖާއެކު އަޅުގަނޑުމެންގެ ދައުރު މިވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި. މި ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި މިތިބީ ރާއްޖެ ފަދަ ގައުމުތަކުން. އަދި މިހާރުވެސް ކްލައިމެޓް ޗޭންޖުގެ މައްސަލަ އިތުރަށް އެދަނީ ގޯސްވަމުން" ރައީސް ނަޝީދު ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ސަރަހައްދު ތަކުގެ 230 އަށް ވުރެ ގިނަ ފާހަގަކުރެވޭ ސައިންޓިސްޓުން ހިމެނޭ ގޮތަށް އެކުލަވާލި ރިޕޯޓަކީ މި ފަހުގެ ތާރީހެއްގައި ކްލައިމެޓް ޗޭންޖާ ގުޅޭގޮތުން އެކުލަވާލި އެންމެ ވަރުގަދަ އެއް ރިޕޯޓެވެ. އެ ރިޕޯޓްގައި 14،000 އަށް ވުރެ ގިނަ ސައިޓޭޝަންސް ހިމަނައިފައި ވެއެވެ.

ރިޕޯޓްގައި ބުނެފައިވަނީ 1970 އިން ފެށިގެން ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިޔަ އަދަދު ފާއިތުވި 2000 އަހަރާ ނުބައްދަލު ކަމަށެވެ. އަދި ކުރިއަށް ހުރި އަހަރު ތަކުގައި މޫސުމީ ބޮޑެތި ކާރިސާތަކެއް ދުނިޔެއަށް ކުރިމަތިވެދާނެ ކަމަށެެވެ. ހަމަ އެހެންމެ ފަރުބަދަތަކުގެ ގެލޭސިއާޒްތައް ވިރުމާއި ކަނޑުތައް ހޫނުވެ އެސިޑިކް ވެެގެންދާނެ ކަމަށެވެ. ނަމަވެސް އަދިވެސް ވަގުތު އެބައޮތް ކަމަށް ބުނެފައިވެ އެވެ. އެގޮތުން ޖައްވަށް ދޫކުރާ ގްރީން ހައުސް ގޭސްތައް ހުއްޓާލުމަށް ގޮވާލައިފައިވެ އެވެ.

ގައުމުތަކަށް ދިމާވާ މޫސުމީ ކާރިސާތަކުގައި ލިބޭ ގެއްލުން ވެސް މިހާރަކަށް އައިސް ދަނީ ބޮޑުވަމުންނެވެ. އެގޮތުން ޗައިނާއާއި ޖަރުމަނުގައި ވަރަށް ބޮޑަށް ފެންބޮޑުވުމާއި އަދި ގްރީސްއަށް ދިމާވި ހޫނު ގަދަ ދުވަސްތައް ފާހަގަކުރެވެ އެވެ.