ފުވައްމުލައް

ފުވައްމުލަކު މިސްކިތް އަމީންއާ ހަވާލުކޮށްފި

ފުވައްމުލައް ސިޓީގައި އަލުން އިމާރާތްކުރާ މަސްޖިދުލް ހުދާ ނުވަތަ ލިލީ މިސްކިތް އަޅަން ދިވެހި ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. އެއްބަސްވުމުގެ ދަށުން މިސްކިތުގެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 333 ދުވަހެވެ.

އެ މުއްދަތަށް ވުރެ ކުރިން މިސްކިތުގެ މަސައްކަތް ނިމި ބޭނުން ކުރެވޭނެ ކަމަށް ކޮންޓްރެކްޓަރުން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ފުވައްމުލަކު ސިޓީގެ މިސްކިތްމަގު އަވަށުގައި ހުންނަ ތިރީސް އަހަރަށް ވުރެ ގިނަ ދުވަސްވީ ލިލީ މިސްކިތަކީ ޖާގައިގެ ގޮތުން ކުޑަ މިސްކިތަކަށް ވުމުން މި ސަރުކާރުން ނިންމީ އެ މިސްކިތް އަލުން އިމާރާތް ކުރާށެވެ.

އެ މިސްކިތް އިމާރާތް ކުރަނީ ދެ ފަންގިފިލާއަށް، އެއް ފަހަރާއި ގިނަ އަދަދެއްގެ ބަޔަކަށް ނަމާދު ކުރެވޭ ގޮތަށެވެ. އެ ތަނުގައި މިސްކިތެއް އަޅަން ނިންމީ އާބާދީވެސް ބޮޑު ސަރަހައްދަކަށްވެސް ވާތީ އެވެ.

“އެ މިސްކިތް މަރާމާތު ކުރަން ބޭނުންވާ ފައިސާ މިދިޔަ އަހަރުގެ ބަޖެޓުގައިވެސް ހިމެނި. އެކަމަކު އޭރު މިސްކިތް އަޅަން ބަޔަކާއި ހަވާލު ނުކުރެވި އޮތީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން.” އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮޕިޝަލު ވިދާޅުވި އެވެ.

ފުވައްމުކަލުގައި އަޅަން ހަވާލުކޮށްފައިވާ މިސްކިތުގެ ޑިޒައިނަށް ގިނަ ބައެއްގެ ތައުރީފު ލިބުނެ އެވެ. އެ ކުރެހުމުގައިވާ ގޮތުން މިސްކިތް ހުންނަނީ މަލެއްގެ ބައްޓަމަށެވެ. އަދި މިސްކިތުގެ މަތި ހަދާފައި ހުންނަނީ ތަރިއެއްގެ ބައްޓަމަށެވެ.