ދުނިޔެ

އިންޑިއާއިން ޖައްވުގައި ލޮލެއް

އިންޑިއާއިން ޖައްވަށް ސެޓެލައިޓެއް ފޮނުވަނީ އެވެ. މިމަހުގެ 12 ވަނަ ދުވަސް – އަންނަ ބުރާސްފަތި ދުވަހަކީ އިންޑިއާއިން މިލަނޑުދަނޑި ހާސިލްކުރާ ދުވަހެ އެވެ. އިންޑިއާ ނޫސްތަކުން ބުނާ ގޮތުން މިފަހަރު ޖައްވަށް ފޮނުވާ ސެޓެލައިޓްގެ ބޭނުމަކީ އިންޑިއާ ސަރަހައްދު، ޚާއްސަކޮށް ސަރަހައްދީ ރޮނގު – ވަގުތުން ވަގުތަށް ބެލެހެއްޓުމެވެ.

އިންޑިއާއާ ޗައިނާ ގުޅޭ ސަރަހައްދާއި ހިމާލިޔާ ވަށައިގެން އިންޑިއާއަށް އޮތް ފަޅި އަދި ޖައްމޫ-ކަޝްމީރަކީ ވެސް ދޭތެރެ ދޭތެރެއިން އުތުރިއަރާ ތަންތަނެވެ. މިސަރަހައްދުތަކުގައި ވާނުވާ ބެލުމަށާއި ފޮޓޯ ނަގައި ވީޑިއޯކުރުމަށް އިންޑިއާ ސައިންސްވެެރިން އުފެއްދި ސެޓެލައިޓް ފައްކާކޮށް ނިންމައި މިހާރު ހުރީ އުދުހިގަތުމަށް ތައްޔާރަށެވެ.

އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން މިސެޓެލައިޓް ބޭއްވުމަށް ކަނޑައަޅާފައި ވަނީ 36،000 ކިލޯމީޓަރު އުހުގައި، ތާއަބަދު އިންޑިއާއަށް ބަލަހައްޓައިގެން އޮންނަ އޯބިޓެއްގަ އެވެ.

ދުނިޔެ ހިއްސުކުރުމަށާއި އޮޔާއި ވައި ބަލައި މޫސުން ކުރިއަށް ލަފާކުރުމަށް ވެސް އިންޑިއާއިން މިހާރު ވެސް ސެޓެލައިޓް ބޭނުންކުރެ އެވެ.

އިންޑިއާއަކީ މިސަރަހައްދުގައި އެންމެ ގިނައިން ސެންސިން ސެޓެލައިޓް ބޭނުންކުރާ ގައުމެވެ. އެހެން ނަމަވެސް މިސެޓެލައިޓްގެ އެހީތެރިކަމާއެކު ބަޔަކަށް ދޮގުނުކުރެވޭ ވަރަށް އިންޑިއާއިން ސަރަހައްދީ ހެކިތައް އަތުލައިގަންނާނެ އެވެ.

ސެޓެލައިޓްތަކުގެ އެހީގައި ދަނޑުވެރިކަމާ ގުޅުން ހުރި މައުލޫމާތާއި ބިންގަނޑު ކަނޑައިގެން ގޮސް ފެންބޮޑުވުން އަދި ބިމުގައި މިނެރަލް ހުރި ތަންތަނާއި މިންވަރު ވެސް ހޯދައިގަންނާނެ އެވެ.

އިންޑިއާއިން މިފަރު ފޮނުވާ ސެޓެލައިޓަކީ ހަގިގަތުގައި ވަރަށް ފެންވަރު ރަނގަޅު، ހައި ރިޒޮލިއުޝަން ކެމެރާތަކެއް ކަމަށް ވެސް ބުނެވިދާނެ އެވެ. އިންޑިއާގެ ބިމުގެ ސަރަހައްދާއި ކަނޑު ބަލަހައްޓައި ތަސްވީރުކުރުމަށް މިސެޓެލައިޓްގައި ޒަމާނީ ޓެކްނޮލޮޖީ ހިމަނާފައި ހުރި ކަމަށް ޚަބަރުތައް ބުނެ އެވެ.

އިންޑިއާއިން ޗައިނާ ފަޅީގައި މިހާރު ވެސް 50،000 އަށް ވުރެ ގިނަ ސިފައިން ފޯރިމަރަމުން ގެންދާ ކަމަށްވެ އެވެ. މިސެޓެލައިޓްގެ އެހީތެރިކަމާއެކު ސިފައިންނަށް ރައްކާތެރިކަން ލިއްބައިދިނުމާއެކު ސަރަހައްދުގައި ހިނގާ ހާދިސާތަކުގެ ކަށަވަރުކަން އިންޑިއާއަށް ވަގުތުން ވަގުތަށް ދެނެގަނެވޭނެ އެވެ.