ދުނިޔެ

ޕާކިސްތާނަށް ޗައިނާއިން ސްޕޭސް ސެންޓަރެއް

ޖައްވީ ދިރާސާތަކުގައި ޕާކިސްތާނަށް އެހީތެރިވާން ވިސްނާފައި އޮތް ކަމަށް ބުނެ އެއްބަސްވުން އޮތް ގޮތް ޗައިނާއިން ކިޔައި ދީފި އެވެ.

ޗައިނާ ބުނާ ގޮތުން ފުރަތަމަ ވިސްނުމަކީ ޕާކިސްތާނަށް މުއާސަލާތީ ސެޓެލައިޓްތައް އުފައްދައި ދިނުމެވެ. އަދި ޖައްވަށް ގެންގޮސް ރޭހުގައި ދުނިޔެއާ ވާދަ ކުރެވޭ ފެންވަރަށް ޕާކިސްތާން ކޮޅަށް ޖެހުމެވެ.

ޕާކިސްތާނަށް އަމިއް ޖައްވީ ޕްރޮގްރާމެއް ފެށޭވަރު ކޮށްދިނުމާއި ޕާކިސްތާން އަމިއްލަ ޖައްވީ ސްޓޭޝަނެއް ބިނާ ކުރަށް އެހީތެރިވުމަކީ ވެސް ވިސްނުމުގައި އޮތް ކަމެއް ކަމަށް ޗައިނާ ބުނެ އެވެ.

ޗައިނާއިން މީގެ ކުރިން ވެސް ވަނީ ގައުމުތަކަށް ސެޓެލައިޓް ފޮނުވައިދީފަ އެވެ. އެ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާ އާއި ޕާކިސްތާން، އާޖެންޓިނާ އަީ ބްރެޒިލް އާއި ކެނެޑާ އަދި ލަގްޒަމްބާގް ހިމެނެ އެވެ.

ޗައިނާއިން ގެންދަނީ އަމިއްލަ ސްޕޭސް ސެންޓަރެއް ޖައްވުގައި ބިނާ ކުރަމުންނެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން މަސައްކަތްތައް މިއަހަރު ނިންމައި ފަޅުވެރިން ޑިއުޓީ އަދާ ކުރަން ފަށާނެ އެވެ. އަދި ޖައްވީ ޓޫރިޒަމް ފެށުމަށްޓަކައި ޕްލޭންތައް އެކުލަވައިލާނެ އެވެ.

ޗައިނާއިން މިހާރު ވެސް ގެންދަނީ ބައެއް ގައުމުތަކަށް ސެޓެލައިޓް އުފައްދައި ދެމުންނެވެ. އަނެއްކޮޅުން ޖައްވީ ޕްރޮގްރާމަށް ބައިވެރިން އިތުރުކުރުމަށް ވެސް މަސައްކަތް ފަށާފަ އެވެ.

ރަޝިއާ އާއި ޗައިނާ އަދި ޕާކިސްތާން ގުޅިގެން ޖައްވީ ހޯދުތަކުގައި ބައިވެރިވާ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ޕާކިސްތާނަކީ ޖައްވީ މަޝްރަހުގައި ޅަ ގައުމަކަށް ވާތީ ރަޝިއާ އާއި ޗައިނާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން ވެ އެވެ.

ގައުމުތަކުގެ މެދުގައި އޮތް އަސްކަރީ ވާދަވެރި ކަމަށް ދޫނުކުރާ ވަރަށް ޖައްވީ ވާދަވެރިކަން އަންނަނީ އިތުރުވަމުންނެވެ. ޗައިން ޖައްވީ ރޭހުގައި އެމެރިކާއާ ވާދަ ކުރާއިރު އިންޑިއާ ޕާކިސްތާނަކީ ވެސް މި ރޭހުގައި ވާދަކުރާނެ ދެ ގައުމު ކަމަށް ބެލެވެ އެވެ.