ދުނިޔެ

ރާވާފައި އޮތްގޮތަށް އަފްޣާނުން ސިފައި ބޭލުން ކުރިއަށްދާނެ: އެމެރިކާ

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމާ ދިމާކޮށް ތާލިބާނުން އެގައުމުގެ ސިޓީތައް ހިފައި އަވަށްތަކަށް ގަދަވެގަތް ނަމަވެސް، އަފްޣާނުން ސިފައިން ބޭލުމަށް ޖޯ ބައިޑަންގެ ސަރުކާރުން ނިންމާފައި އޮތް ނިންމުމަށް ބަދަލެއް ގެންނަން ވިސްނާފައި ނެތް ކަމަށް ނިއު ޔޯކް ޓައިމްސްއިން ބުނެފި އެވެ.

ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސްއިން ބުނާ ގޮތުން އަފްޣާނުން ސިފައިން ބޭލުމަކީ އެމެރިކާއިން އަޅާ ޅައެއްޗެއް ކަމަށް ބައިޑަން ސަރުކާރުން ގަބޫލެއް ނުކުރެ އެވެ. އެހެންކަމުން އެކަމުގައި ދެވަނަ ވިސްނުމަކަށް ދިއުމަކީ ޚިޔާލުގައި ވެސް ނެތް ކަމެއް ކަމަށް އޮންލައިން ނޫހަށް އޮފިޝަލް ބުނި ކަމަށްވެ އެވެ.

އަފްގާންގައި ހާލަތު ބަދަލުވަމުންދާ ގޮތް ބަލައި ޕެންޓަގަނުން މޮނީޓަރުކުރާ ކަމަށްވެ އެވެ. ތާލިބާނުން އަފްޣާންގެ އަވަށްތަކަށް ވެރިވެގަނެ އެމީހުންނާ އެކު ނުވާ ބަޔަކަށް ޝަރީއަތް ހިންގައި ބޮލަށް ބަޑިޖަހައި މަރަމުންދިޔަ ނަމަވެސް، ޕެންޓަގަންގެ އޮތް ވިސްނުމަކީ ދެތިން ބޮމެއް ވައްޓާލައި ތާލިބާނުންގެ ދުވެލި މަތަކުރުމެވެ.

ނިއު ޔޯކް ޓައިމްސް ރިޕޯޓް ބުނާ ގޮތުން އަސްކަރީ ފައުޖުތައް އަލުން ފޮނުވައި ބިމުން ހަމަލާދޭ ގޮތަށް ޕެންޓަގަނުން ނުވިސްނަ އެވެ. އަދި ތާލިބާނުން ކޮންޓްރޯލް ކުރެވޭ ވަރަށް ސިފައިން ބޭތިއްބުމަކަށް ވެސް ނުވިސްނަ އެވެ.

ވައިޓް ހައުސްގެ އޮފިޝަލް ވިދާޅުވި ކަމަށް ނިއު ޔޯކް ޓައިމްސް ބުނީ އަފްޣާންގައި މިހާރު ތިބީ 650 ސިފައިން ކަަމަށެވެ. އެއީ ތާލިބާނުން އަރައިގެން އަންނަ ބާރުމިނުގައި ކޮންޓްރޯލް ކުރެވޭނެ އަދަދެއް ނޫން ކަމަށް ރިޕޯޓްގައިވެ އެވެ. އޭގެ އިތުރުން އެމެރިކާގެ އެއާ ފޯސްއިން ބޮންއެޅި ނަމަވެސް މާބޮޑު ތަފާތެއް ނުފެންނާނެ ކަމަށް ރިޕޯޓްގައިވެ އެވެ.

ތާލިބާނުން މިހާރު އަންނަނީ ޕްރޮވިންސްތައް ހިފައި ވެރިކަންކުރާ އަވަށްތައް އެޖަމާއަތުން ބާރުހިންގަމުންނެވެ.