އެމެރިކާގެ ރައީސް ޖޯ ބައިޑަން ވައިޓް ހައުސްގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަނިކޮށް އަފްޣާނިސްތާނާ ބެހޭ ގޮތުން ހުށަހެޅުނު ސުވާލުތަކަށް ޖަވާބު ނުދެއްވައި ޕޯޑިއަމް ދޫކުރައްވައި ވަޑައިގެންފި އެވެ.
ބައިޑަން ވައިޓް ހައުސްގައި މައުލޫމާތު ދެއްވީ އެމަނިކުފާނުގެ "ބިލްޑް ބެކް ބެޓާ" އެޖެންޑާއާ ބެހޭ ގޮތުންނެވެ.
މިއީ ބައިޑަން ރައީސްކަމަށް ކެމްޕޭންކުރެއްވިއިރު އެމަނިކުފާންގެ ޓީމުން ވަރަށް ބާރަށް ދެއްކި ވާހަކަ އެކެވެ. ބިލްޑް ބެކް ބެޓާ އެޖެންޑާގެ މަގުސަދަކީ، ބައިޑަން ވިދާޅުވާ ގޮތުން އެމެރިކާގެ ހާލަތު ކުރިއަށް ވުރެ ރަނގަޅު ކުރުމެވެ. އާންމުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމެވެ.
ވައިޓް ހައުސްގައި ދެކެވުނު ވާހަތަކުގެ ތެރޭގައި އާންމުންނަށް ދެވޭ ސިއްހީ ފަރުވާ ހިމެނެ އެވެ. ބޭހުގެ އަގުހެޔޮކުރުމާއި މިފައިން އާންމުންނަށް ދެވޭ ޚިދުމަތްތަކަށް ބައިޑާން އަލިއަޅުވާލެއްވެވި އެވެ.
އަފްޣާން އޮތް ހާލަތު ބައިޑަންއަށް ވެސް އޮޅިވަޑައި ނުގަންނަވަ އެވެ. ތާލިބާނުން އަފްޣާނަށް އަތްގަދަކުރަމުން ގެންދާއިރު އެމެރިކާއާއި ނޭޓޯ ސިފައިން ބާލަނީ ކީއްވެތޯ ބައިޑަންއާ ސުވާލުކުރެވުނެވެ. އަފްޣާންގައި އެމެރިކާ ސިފައިން އެހާ ގިނަ ދުވަހު ތިބިއިރު ތާލިބާނުންނާއެކު ސުލްހަ ގާއިމުނުކުރީ ކީއްވެތޯ ވެސް ސުވާލުކުރެވުނެވެ.
ވައިޓް ހައުސްގެ ބްރީފިން ރޫމްގައި ނޫސްވެރިން މިފަދަ ގިނަ ސުވާލުތަކެއް ބައިޑަންއަށް ހުށަހެޅި އެވެ. އެހެންނަމަވެސް އެއިން ސުވާލަކަށް ޖަވާބުދޭން އެމަނިކުފާން އެއްވެސް މަސައްކަތެއް ނުކުރެއްވި އެވެ. އިރުކޮޅަކު ހުންނެވުމަށްފަހު ދެން ވަޑައިގަތީ އެވެ.
ތާލިބާނުން މިހާރު އަފްޣާންގެ ގިނަ އަވަށްތަކެއް ހިފައިފި އެވެ. ކާބުލް ހިފާފާނެ ކަމަށް އޮތް ބިރު ބޮޑެވެ. އެކި އަވަށްތަކުގައި ހުރި ސަރުކާގެ އިމާރާތްތަކާއި މުދަލަކީ މިހާރު ތާލިބާނުން އެކުލަވާލަން އޮތް ސަރުކާރަށް – އެޖަމާއަތުން ބުނާ ގޮތުން ވާރުތަވެފައި ހުރި މުދަލެވެ.
އެމެރިކާ އާއި ކެނެޑާ އަދި ނޭޓޯއިން ވެސް ބުނަނީ އަފްޣާންގައި ތާލިބާނުން ގަދަބާރުން އެކުލަވާލާ ސަރުކާރެއް ގަބޫލުނުކުރާނެ ކަމަށެވެ. އަދި ބާރު ބޭނުންކޮށްގެން ވެރިކަމަށް އަރައިފި ނަމަ ދަތިކުރުމުގެ ފިޔަވަޅުއަޅާނެ ކަމަށެވެ. މުޅި ދުނިޔެ ވެސް އޮތީ ތާލިބާނުންނާ ދެކޮޅަށް ކަމަށް ވެސް އޮތީ ބުނެފަ އެވެ.