އެމެރިކާއިން އަފްޣާނިސްތާނަށް އެހީވާނެ ކަމަށް ބުނެ މުއައްސަސާ ތަކުގެ މަސްއޫލްވެރިން އެތައް ފަހަރަކު ވައުދު ވެއްޖެ އެވެ.
ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ވެސް އަފްޣާނަށް އެހީވުމަށް ގޮތްތަކެއް ކަނޑައަޅާނެ ކަމަށް އެމެރިކާއިން އެތައް ފަހަރަކު ވަނީ ބުނެފަ އެވެ. އެކަމަކު އެބުނާ އެހީއެއް އަދިވެސް އޮތީ އޮތް ތަނުގަ އެވެ. އަފްޣާނަކަށް ނުފޯރަ އެވެ.
އެމެރިކާ ސިފައިން 20 އަހަރު ވަންދެން އަފްޣާން ހިސޯރުކޮށްގެން ތިބުމަށް ފަހު، ފައިބައިގެން ގޮސް އެތިބީ އަފްޣާނަށް ކޮށްދޭނެ ކަމަށް ބުނި އެއްވެސް ކަމެއް ކޮށްނުދީ އެވެ.
އަފްޣާނިސްތާނަށް މިދާކަށް ދުވަހު -- ޖޫން 22 ގައި އެރި ބާރުގަދަ ބިންހެލުމުގައި 1،193 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 3،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތަކުން އަނިޔާ ލިބި ވަނީ ފަރުވާން ދޭން ޖެހިފަ އެވެ.
އަފްޣާނަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ދުނިޔޭގެ ގައުމުތަކުން އެހީތެރިވާނެ ކަމަށް ބުނެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ފެށިއިރު ވެސް އެމެރިކާ އޮތީ ހިމޭނުން އެވެ. އެމެރިކާ އެންމެ ބޮޑަށް ޖެހިލުންވާ ޗައިނާއިން ވެސް ވަނީ ބަޖެޓް ހުޅުވާލާނެ ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި ބައިޑަން ސަރުކާރުން އަފްޣާނަށް އެހީވާނެ އެވެ. އަފްޣާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް 55 މިލިއަން ޑޮލަރު ހަމަޖައްސާފައި ހުރި ކަމަށްވެސް ވިދާޅުވި އެވެ.
ބްލިންކެން ވިދާޅުވި ގޮތުގައި އަފްޣާނަށް އެހީތެރިކަން ފޯރުކޮށްދޭނީ އދ.ގެ އޮނިގަނޑުގެ ތެރެއިންނެވެ. އަދި އެހީތެރިކަން ޚާއްސަކުރާނީ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު މީހުންނަށެވެ.
އެމެރިކާއިން ފޮނުވާ އެހީގެ ތެރޭގައި ހިމަނާނެ ކަމަށް ވިދާޅުވީ ބޯފެނާއި ގައިން ތާހިރުވާން ބޭނުންވާ ސާމާނެވެ. އާންމުކޮށް ކާން ބޭނުންކުރާ އެއްޗެއްގެ ވާހަކައެއް ވިދާޅެއް ނުވެ އެވެ.
އަފްޣާނިސްތާންގައި އޮތް މަދަނީ ވެރިކަން ވައްޓާލުމަށްފަހު ތާލިބާނުން ވެރިކަން ފޭރިގަތުމާ ގުޅިގެން އެމެރިކާއިން ވަނީ އަފްޣާނަށް ލިބެން ޖެހޭ ވަރަށް ގިނަ ފައިސާ ހިފަހައްޓާފަ އެވެ. އަފްޣާންގެ މަރުކަޒީ ބޭންކަށް ވަންނަން ޖެހޭ ވަރަށް ގިނަ ފައިސާ އެމެރިކާގެ ނުފޫޒުން ހުރީ ހިފަހައްޓާފަ އެވެ.
އެމެރިކާއިން ކުރިން ބުނި ގޮތުންނަމަ ހިފަހައްޓާފައި ހުރި އަފްޣާން ފައިސާތައް ބޭނުންކުރެވޭނީ ކޮވިޑާ ހެދި އެމެރިކާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށެވެ. އެއިން އެތިކޮޅެއް އަފްޣާނަށް ދޭނެ ކަމަށް ނުބުނެ އެވެ.