ތާލިބާނުން މުޅި އަފްޣާނިސްތާން ހިފައިފި އެވެ. ރިޔާސީ ގަނޑުވަރު އަތްދަށުލައިފި އެވެ. ދައުލަތުގެ ޓީވިއަށް އަރައި އާންމުން ބިރުނުގަތުމަށާއި ހަމަޖެހިގެން ތިބުމަށް ގޮވާލައިފި އެވެ.
ތާލިބާން ޕޮލިޓިކަލް އޮފީހުގެ ތަރުޖަމާން މުހައްމަދު ނައީމް އަލްޖަޒީރާއަށް ވިދާޅުވީ އެެއްވެސް މީހަކަށް އަނިޔާވެރިވުމެއް ނެތް ކަމަށާއި ހަނގުރާމަ ނިމިއްޖެ ކަމަށެވެ.
"އަހަރެމެންގެ ގައުމަށް ބީރައްޓެހިން އަރައި ފެށި ހަނގުރާމަ 20 އަހަރަށް ފަހު މިއޮތީ ނިމިފައި" ތަރުޖަމާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަނބޮޑުވުމެއް ނެތް ކަމަށާއި އަފްޣާން ރައްޔިތުންނަށް ތާލިބާނުން މިނިވަންކަން ހޯދައިދީފި ކަމަށެވެ.
މުހައްމަދު ނައީމް ވިދާޅުވި ގޮތުން އަފްޣާންގެ އޮފިޝަލުންނާ ތާލިބާނުން މުއާމަލާތްކޮށް މަޝްވަރާކުރާނެ އެވެ. އަދި އެމީހުންނަށް އެއްވެސް ގެއްލުމެއް އަނިޔާއެއް ނުކުރާނެ އެވެ. ތަރުޖަމާން ވިދާޅުވީ ބޭރުގެ އެއްވެސް ގައުމަކުން އަފްޣާންގައި މިފަދަ ބޭކާރު ކަމެއް ދެން ދުވަހަކު ވެސް ނުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ނައީމް ވިދާޅުވީ ތާލިބާނުން ހަމަ ތިބެފައި އެއްވެސް ބަޔަކަށް ހަމަލާއެއް ނުދޭނެ ކަމަށާއި އެހެން ބަޔަކުން ވެސް ތާލިބާނުންނާ ތޮޅެގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ 20 އަހަރު ވަންދެން މެދުނުކެނޑި ތާލިބާނުންނާ ތޮޅެގެން ވެސް ހުޅަނގުން ފައިބަން ޖެހުނީ ހުސްއަތާ ކަމަށެވެ.
"އަހަރެމެން ހޯދި އެތި އަހަރެމެންނަށް ލިބިއްޖެ" ނައީމް ވިދާޅުވި އެވެ. "އެއީ މިނިވަންކަން. އަހަރެމެންގެެ ގައުމުގެ މިނިވަންކަން،" އޭނާ ވިދާޅުވީ މިއީ އުފާކުރަން އޮތް ވަގުތު ކަމަށެވެ.
ތާލިބާނުން އަފްޣާން ހިފަން ކުރި މަސައްކަތްތަކުގައި އެ ޖަމާއަތުން ކާމިޔާބު ހޯދާފައިި އެވަނީ ގާތްގަނޑަކަށް ދެހަފުތާ ތެރޭގަ އެވެ. ތާލިބާނުންގެ ދުވެލި ފެނި ހުޅަނގުން އެ ގައުމުތަކުގެ ސަފީރުންނާއި އޮފިޝަލުން ސަލާމަތްކުރަން ކުރި މަސައްކަތުން މުޅި ކާބުލް އެއާޕޯޓް މިހާރު އޮތީ ތޮއްޖެހިފަ އެވެ. އަފްޣާން ދޫކޮށް ފިލަން ދަތުރުުރާ މީހުންގެ ވެހިކަލްތަކުން މަގުތައް ބަންދުވެ ހެލިފެލިވެ އުޅުން ވެސް އޮތީ ބޮޑު ތަކުލީފަކަށް ވެފަ އެވެ.
ނައީމް ވިދާޅުވީ ކާބުލްގައި ހުރި ބޭރު ގައުމެއްގެ އެމްބަސީއަކަށް އަދި އޮފީހަކަށް ތާލިބާނުން އެއްވެސް ގެެއްލުމެއް ނުދޭނެ ކަމަށާއި އޮފިޝަލަކަށް އަނިޔާއެއް ޖެއްސުމެއް ވެސް ނުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އަފްޣާންގައި އެމީހުން އިތުބާރާއި ހިތްހަމަޖެހުމާއެކު ތިބެންވީ އެވެ. އޭނާ އަދި ވިދާޅުވީ އަފްޣާން ފުރިހަމަވާނީ އެމީހުން ތިބެގެން ކަމަށެވެ.