އަފްޣާން ވެރިކަމުގައި އަޝްރަފް ޣަނީ ހުންނެވިހާ ހިނދަކު ހަތިޔާރު ނުބަހައްޓާނެ ކަމަށާއި ސުލްހަވުމަށް މަޝްވަރާ މޭޒު ދޮށަށް ދާނީ ވެސް އެ މީހުނަށް ހިއްސާވެވޭ ސަރުކާރެއް ކާބުލްގައި ގާއިމު ވުމުން ކަމަށް ތާލިބާނުން ބުނެފި އެވެ. ތާލިބާނުންގެ ތަރުޖަމާން ސުހައިލް ޝަހީން އެސޯސިއޭޓް ޕްރެސްއަށް ބުނި ގޮތުން ސުލްހަ ވުމަށް އޮތް ޑީލަކީ ޣަނީ ބޭރު ކުރުމެވެ.
ތާލިބާނުންގެ މި ގޮވާލުމަށް ރައްދު ދެއްވައި ވައިޓް ހައުސްގެ ތަރުޖަމާން ޖެން ސާކީ ވިދާޅުވީ އެމެރިކާ އަބަދު ވެސް އޮންނާނީ ޣަނީއާއެކު ކަމަށާއި އަފްޣާންގައި މިހާރު އޮތް ސަރުކާރަށް އެމެރިކާއިން ތާއީދު ކުރާ ކަމަށެވެ.
ޖެން ސާކީ ވިދާޅުވީ ބައިޑަން ޣަނީއަށް ފޯނުން ގުޅުއްވި ކަމަށާއި އިތުބާރު އޮތް ކަމަށް ދެންނެވި ކަމަށެވެ. އަދި އެމެރިކާއިން އަފްޣާނާއެކު އޮންނާނެ ކަމަށް ވިދާޅުވެ ތަކުރާރު ކުރެއްވި ކަމަށެވެ.
އަފްޣާންނަށް ދާއިމީ ހައްލެއް ހޯދެން އޮތީ ސިޔާސީ ގޮތުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޖެން ސާކީ ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ އެމެރިކާއިން ސިޔާސީ ހައްލަކަށް ދެކޮޅު ނުހަދާ ކަމަށާއި މަޝްވަރާ މޭޒު ދޮށުގައި ނޫން ގޮތަކަށް ހައްލު ހޯދޭނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
"އެމެރިކާއިން އަފްޣާނަށް އެހީތެރި ވުމުގަައި ދެމި އޮންނާނެ،" ޖެން ސާކީ ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ އިންސާނީ އެހީ އާއި ސަރުކާރަށް ބޭނުންވާ ރައްކާތެރިކަން ފޯރު ކޮށްދިނުން އަދި އަސްކަރީ ތަމްރީނުތަކަށް މަގުފަހި ކޮށްދިނުން ފަދަ މިވަގުތަށް މުހިންމު ހުރިހާ ކަމެއްގައި އެމެރިކާ ޝާމިލްވާނެ ކަމަށެވެ.
ތާލިބާނުން ބުނީ އަފްޣާން ސަރުކާރުގައި އެ މީހުނަށް ވެސް ޖާގަ އޮންނަން ވާނެ ކަމަށާއި އަފްޣާންގައި ހުރިހާ މައްސަލައެއް ޖެހިފައި ވަނީ ވެސް އެއްބަޔަކު ވެރިކަން ކުރަން ހަދައިގެން ކަމަށެވެ. ތަރުޖަމާން އަދި ބުނީ ބޭނުން ވަނީ ހިއްސާވެވޭ ސަރުކާރެއް ކަމަށާއި އެނޫން ގޮތެއްގައި ސުލްހަވުމެއް ނެތް ކަމަށެވެ.