ދުނިޔެ

އަފްޣާން މުދާތަށް ފޭރި ނުގަތުމަށް ދަންނަވަން: ކަރުޒާއީ

އެމެރިކާގައި ހިފަހައްޓާފައި ހުރި އަފްޣާން ފައިސާތައް ވަކި ގޮތަކަށް ހޭދަ ކުރެއްވުމަށް ބައިޑަން ސަރުކާރުން ނިންމެވި ނިންމެވުން ދޫކޮށްލައްވައި ދެވަނަ ވިސްނެވުމަށް ވަޑައިގަތުމަށް ބައިޑަންއަށް ދަންނަވައިފި އެވެ.

އަފްޣާނިސްތާންގެ ކުރީގެ ރައީސް ހާމިދު ކަރުޒާއީ ވިދާޅުވީ އަފްޣާންގެ މަރުކަޒީ ބޭންކަށް ވަންނަން ޖެހޭ ހަތް ބިލިއަން ޑޮލަރު، 9/11 ގައި ގެއްލުން ލިބުނު އާއިލާތަކަށް އިންސާނީ އެހީގެ ގޮތުގައި ބެހުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ނިންމި ނިންމުމާ މެދު އަލުން ވިސްނާ ވަޑައިގަތުމަށް ބައިޑަންގެ އަރިހުގައި ދަންނަވާ ކަމަށެވެ.

ކާބުލްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ކަރުޒާއީ ވިދާޅުވީ އެ ފައިސާތައް ބޭނުން ކުރެވެން ޖެހޭނީ އަފްޣާންގެ މާލީ ނިޒާމް ހަމައަކަށް އެޅުވުމަށް ކަމަށެވެ.

ސެޕްޓެމްބަރު 2011 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާގެ ސަބަބުން ގެއްލުން ލިބުނީ ހަމައެކަނި އެމެރިކާ މީހުންނަށް ނޫން ކަމަށް ކަރުޒާއީ ވިދާޅުވި އެވެ. އެކަމެއްގެ ސަބަބުން އަފްޣާން ރައްޔިތުންނަށް ބޮޑެތި ގެއްލުން ލިބި އާއިލާތައް ރޫޅި ލޯބިވާ އެތައް ބަޔަކު ދުނިޔެ ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ކަރުޒާއީ ވިދާޅުވި އެވެ.

ނިކަމެއްތި ބަޔަކަށް ހައްގު މުދާތަކެއް އެމެރިކާ ކަހަލަ ކުރިއަރާފައި އޮތް ގައުމަކުން ޖަހައިގަނެ ގަދަބާރުން ހިފަހައްޓައި ފޭރިގަތުމަކީ ނޯޅާކެއުން ކަމަށް ކަރުޒާއީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންސާނީ އެހީތެރިކަމަށް މިހާރު ޖެހިފައި އޮތީ އަފްޣާން ކަމަށާއި ބާރުގަދަ ގައުމުތަކުގެ އެހީތެރިކަމަށް އާންމު ރައްޔިތުން އާދޭސް ދަންނަވާ ކަމަށެވެ.

އަފްގާން ރައްޔިތުންގެ މުދާތަކެއް ނުހައްގުން ބޭނުން ނުކުރުމަށް އެމެރިކާގެ ރައްޔިތުންނަށް ކަރުޒާއީ ގޮވާލެއްވި އެވެ. އޭނާ އަދި ވިދާޅުވީ އަފްގާން ރައްޔިތުންގެ އާދޭސް އަޑުއެހުމަށް އެމެރިކާ ކުޅެދެންވާނެ ކަަމަށެވެ.