އޭޓީއެމް ފަޅައިގެން ފައިސާ ވަގަށް ނެގުމަކީ މިހާރު އާއްމު ކަމަކަށް ވަނީ ވެފަ އެވެ. ނަމަވެސް އިންޑިއާގެ ޓެމިލް ނާޑޫގައި ދިރިއުޅޭ މީހަކު އޭޓީއެމް އެއް ފަޅާލަން އުޅެނިކޮށް އެކަން އަތަށް ގޮވައި ލަނޑު ލިބުނު ގޮތް ބަލާފައި މީހުން ހީނ ހީނ ހަލާކުވާވަރު ވާނެ އެވެ.
މި ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނަމައްކަލް ޑިސްޓްރިކްޓްގެ އަނިޔަޕުރަމް ނަމަކަށް ކިޔާ ސަރަހައްދުގަ އެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި އެމް.އުޕެންދުރަ ރާއޯ ނަމަކަށް ކިޔާ މި މީހާ އޭޓީއެމް ފަޅާލަން އުޅުނީ މަސްތު ވެފައި ހުރެގެންނެވެ.
އުމުރުން 28 އަހަރުގެ މި މީހާ އެންމެ ފުރަތަމަ ކުރި ކަމަކީ އޭޓީއެމްގެ ފަހަތުގައިވާ ފާރުގައި ތަތްކޮށްފައި ހުރި ފްލައިވުޑުން ބާގަނޑެއް ކަނޑައިގެން އެ ދޭތެރެއިން ނުކުމެ ހިލަގަނޑަކުން އޭޓީއެމް ހަލާކުކޮށްލަން އުޅުނީ އެވެ.
އެ ސަރަހައްދުގައި އުޅޭ މީހުންނަށް އަޑުފައްގަނޑެއް އިވެގެން ބެލިއިރު މި މީހާ އޭޓީއެމް ހަލާކުކުރަން މަސައްކަތް ކުރާތަން ފެނުމުން ފުލުހުންނަށް ގުޅުމުން ފުލުހުން އައިއިރު އެމީހާ ހުރީ ފިލާގަނޑުގެ ބާގަނޑު ތެރޭގައި ތާށިވެގެން ނުނިކުމެވިފަ އެވެ.
ފުލުހުންނަށް އެންމެ ކުރިން ޖެހުނީ އެމީހާ ހައްޔަރުކުރުމުގެ ކުރިން އޭނާ އެތަނުން ސަލާމަތްކުރާށެވެ.