ފިނިޕޭޖް

އެމިރޭޓްސްގެ އިޝްތިހާރަކަށް ބޮޑު ސަމާލުކަމެއް

އެމިރޭޓްސްގެ "ޓޮޕް އޮފް ދަ ވޯލްޑް" އިޝްތިހާރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

މި އިޝްތިހާރުން ދައްކުވައިދެނީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ހަލީފާ އިމާރާތުގެ އެންމެ މަތީގައި އަންހެން ފްލައިޓް އެޓެންޑެންޓެއް އަރާ ހުންނަ މަންޒަރެވެ. ނަމަވެސް މި އިޝްތިހާރު ކުޅުމުގައި އެއްވެސް ސްޕެޝަލް އިފެކްޓެއް ނުވަތަ ގްރީންސްކްރީނެއް ބޭނުންކޮށްފައެއް ނެތެވެ.

އިޝްތިހާރުގައި ފްލައިޓް އެޓެންޑެންޓްގެ ރޯލް ކުޅެފައިވަނީ ސްޓަންޓް ހަދާ މަޝްހޫރު އަންހެނެއް ކަމަށްވާ ނިކޯލް ސްމިތު-ލުޑްވިކް އެވެ. މި އިޝްތިހާރާއި ގުޅިގެން އޭނާ ވެގެން ގޮސްފައިވަނީ 828 މީޓަރުގެ އުސް އިމާރާތުގެ އެންމެ މައްޗައް އެރުމުގެ ޝަރަފު ލިބުނު މަދު މީހުންގެ ތެރޭގައި ހިމެނިފަ އެވެ. މި ލިސްޓުގައި ހިމެނޭ އިތުރު މީހުންގެ ތެރޭގައި ދުބާއީގެ ވަލީ އަހުދު ޝޭހް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް އާއި ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒް ހިމެނެ އެވެ.

ތިރިސް ސިކުންތުގެ އިޝްތިހާރު ފެށެނީ ނިކޯލް ތަފާތު މެސެޖް ތަކެއް ލިޔެފައިވާ ބޯޑުތަކެއް ހިފައިގެން ހުންނަ ކްލޯޒްއަޕް ޝޮޓްތަކަކުންނެވެ. އަދި ކެމެރާ ޒޫމް އައުޓްކޮށް އޭނާ ބުރުޖު ހަލީފަަ މަތީގައި ހުންނަ މަންޒަރު ދައްކުވައިދެ އެވެ.

އިޝްތިހާރު ނެގުމަށް އެމިރޭޓްސްއިން ކާސްޓިން ކޯލްއެއް އިއުލާން ކޮށް ފުރަތަމަ ބެލީ އެމިރޭޓްސްގެ ފްލައިޓް އެޓެންޑެންޓެއް ލިބޭތޯ ކަމަށް އެކުންފުނިން ބުންޏެވެ. ނަމަވެސް ޕްރޮފެޝަނަލް ސްކައިޑައިވް ކުރާ ފަރާތަކުން އިޝްތިހާރު ކުޅުމަށް ބޭނުންވުމުން އެ ރޯލް އެފަރާތައް ދިނީ އެވެ. ސަބަބަކަށް އެމިރޭޓްސްއިން ބުނެފައިވަނީ އެ ޝޫޓް ވީހާވެސް ރައްކާތެރިކޮށް ކުރިއަށް ގެންދިއުމެވެ.

މި އިޝްތިހާރަކީ ގިނަ ދުވަސްތަކެއްގެ ޕްލޭން ކުރުމާއި ބުރަ މަސައްކަތުން އަދި ގިނަ ބައެއްގެ އެހީތެރިކަމާއި އެކު ކުޅެވުނު އިޝްތިހާރެއް ކަމަށް އެމިރޭޓްސްއިން ބުނެފައިވެ އެވެ. މި އިޝްތިހާރުގެ ބަތަލާ ނިކޯލް، ބުރުޖު ހަލީފާ މަތީގައި ހުރުމަށް ހާއްސަ ޕްލެޓްފޯމެއްވެސް ވަނީ ޑިޒައިން ކޮށްފަ އެވެ. އަދި ސަލާމަތަށްޓަކާ އޭނާގެ ޔުނީފޯމުގެ ދަށުން އެ ޕްލެޓްފޯމަށް ވަޔާ ހާނެސްތަކެއްވެސް ގުޅާލާފައިވެ އެވެ. ބުރުޖު ހަލީފާގެ އެންމެ މަތީގައި ނިކޯލް މަޑުކޮށްލައިގެން ހުރި ތަންކޮޅުގެ ފުޅާމިނަކީ 1.2 މީޓަރެވެ.

އެމިރޭޓްސްއިން ބުނާ ގޮތުގައި މި އިޝްތިހާރަކީ އެކުންފުނީގެ ވިޔަފާރީގެ އެކި ކަންކަމުގައި ބޭނުން ކުރާނެ އިޝްތިހާރެކެވެ. އަދި މި އިޝްތިހާރު ހިމެނޭ ފުރަތަމަ ކެމްޕޭން ވަރަށް އަވަަހަށް އިނގިރޭސިވިލާތުގައި ފަށާނެ އެވެ.