ބ. ފެހެންދޫ ދަރިވަރުން އެއަތޮޅު ގޮއިދޫއަށް އެކަނި ލޯންޗުގައި ދަތުރުކުރަންޖެހޭތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖޭގައި އެންމެ މަދުން މީހުން ދިރިއުޅޭ އެއް ރަށުގެ ގޮތުގައި ފާހަގަކުރެވޭ ފެހެންދޫގައި ދަރިވަރުން ކިޔަވާނެ ސުކޫލެއް ނުހުރެ އެވެ. އެކުދިން ކޮންމެ ދުވަހަކު ސުކޫލަށް ދަނީ ފެހެންދޫއާއި އެއް ފަޅެއްގެ ތެރޭގައި އޮންނަ އެ އަތޮޅު ގޮއިދޫ އަށެވެ. ކުރިން ކުޑަ ޑިންގީއެއްގައި އެކުދިން ދަތުރުކުރާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވަނީ ސްޕީޑް ލޯންޗެއް ހަމަޖައްސައިދީފަ އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ފެހެންދޫ ކައުންސިލްގެ ރައީސް ޖާދުﷲ އަލީ ވިދާޅުވީ އެރަށުގެ ދަރިވަރުންނަށް ސަރުކާރުން ސްޕީޑް ލޯންޗެއް ހަމަޖައްސައިދީފައި އޮތް ނަމަވެސް ހަަރަދު ކުޑަކުރަން ކަމަށް ބުނެ ލޯންޗުގައި ގޮއިދޫ އަށް ދެވެނީ ދަރިވަރުންނަށް އެކަނި ކަމަށެވެ. ބެލެނިވެރިން މިއަދު ވެސް އެކަމުގެ ޝަކުވާ ހިފައިގެން އައި ކަމަށާއި ތުއްތު ކުދިން އެކަނި ކަނޑު ހުރަސް ކުރަން ބެލެނިވެރިން ބޭނުންނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމަކީ ކައުންސިލާ ގުޅުންހުރި ކަމެއް ނޫން ކަމުން ހައްލެއް ހޯދަން މަސައްކަތް ކުރާނެ ގޮތެއް ވެސް ނެތް ކަމަށެވެ. ފެރީ އަކީ ގޮއިދޫ ސުކޫލާއި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ހިންގާ އެއްޗެއް ކަމަށާއި އެކަމުގެ ކަންބޮޑުވުން ވެސް އޮންނަ ކަމަށެވެ.
"އެއްވެސް ޕޭރެންޓަކު ބޭނުމެއް ނުވާނެ އެމީހުންގެ ތުއްތުތުއްތު ކުދިން އެކަނި ކަނޑުމައްޗަށް ފޮނުވާކަށް. ސަރުކާރުން ހަރަދު ކުޑަކުރަން ކުދިން އެކަނި ގެންދަނީ. ޕޭރެންޓުން ގެސްގޮސްފިއްޔާ އެމީހުން އަނބުރާ ގެންނަންވެސް ޖެހޭނެއެއްނު. ދެންމެ ވެސް އަޅުގަނޑު ޕޭރެންޓުންނާ ބައްދަލުކޮށްފިން. އަޅުގަނޑުމެންގެ އަތްދަށުގައި އޮތް ކަމެއް ނޫންވީމަ ހެދޭނެ ގޮތެއް ވެސް ނެތް. އެއްވެސް ކަމެއްގައި އަޅުގަނޑުމެންނަކާ މަޝްވަރާއެއްވެސް ނުކުރާނެ،" ޖާދުﷲ ވިދާޅުވި އެވެ.
ފެހެންދޫއިން ގޮއިދޫއަށް 30 އާއި ގާތްކުރާ އަދަދަކަށް ދަރިވަރުން ކޮންމެ ދުވަހަކު ކިޔަވަން ދެއެވެ.
ޖާދުﷲ ވިދާޅުވީ ދަރިވަރުން ދަތުރެއް ކޮށްފައި ގޮސް ކިޔަވަން ޖެހުމަކީ ހަރުދަނާ ގޮތެއް ނޫން ކަމަށާއި ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ލިބޭނީ ފެހެންދޫގައި ސުކޫލެއް އަޅައިގެން ކަމަށެވެ. ފެހެންދޫގައި ސުކޫލެއް ހިންގަން ކައުންސިލުން ވަރަށް ބޭނުން ކަމަށާއި އެކަން ސަރުކާރަށް ވެސް ހުށަހަޅާފައިވާތީ ވަރަށް އަވަހަށް ހައްލެއް ގެނެސްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ފެހެންދޫ ދަރިވަރުން ސުކޫލަށް ދާން ސަރުކާރުން ހަމަޖައްސައިދީފައިވާ ލޯންޗަކީ އިންޑިއާ ސަރުކާރުން 2020 ވަނަ އަހަރު ހަދިޔާ ކުރި ލޯންޗެކެވެ.
ލޯންޗް ހަދިޔާކުރީ 2019 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އިޖުތިމާއީ އަދި އިގުތިސޯދީ މަޝްރޫއުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދީފައިވާ 100 މިލިއަން ދިވެހި ރުފިޔާ ނުވަތަ 6.9 މިލިއަން އެމެރިކާ ޑޮލަރުން ކުރިއަށް ގެންދަން ކަނޑައެޅި ޖުމްލަ 13 މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ކިޔެވުން ނުހުއްޓި ރަގަޅަށް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރީން ވަނީ ދީފަ އެވެ. ނަމަވެސް ކުދިކުދި އާބާދީތައް ހިމެނޭ ރަށްތަކުގައި ހަމަޖައްސާފައިވާ އުސޫލުތަކާ މެދު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.