ދުނިޔެ

އިޒްރޭލުން ޓެކްސް ފައިސާ ހިފެހެއްޓުމުން ފަލަސްތީނުން އެހީއަށް އެދެފި

Jan 16, 2015

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ބައިވެރިވާން ފަލަސްތީނުން ނިންމުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ފަލަސްތީނުގެ ޓެކްސްގެ އާމްދަނީ ހިފަހައްޓާފައި ވާތީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަރަބި ގައުމުތަކުގެ އެހީ އަށް އެދިވަޑައިގެންފި އެވެ.

މިސްރުގެ ވެރިރަށް ގާހިރާގައި އަރަބި ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައި އައްބާސް ވަނީ އިޒްރޭލުން ފައިސާ ހިފަހައްޓައިފި ނަމަ ކުރިމަތިވާނެ ދަތިތަކުން ސަަލާމަތް ވުމަށް 100 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. މި ބައްދަލުވުމުގައި އައްބާސް ވަނީ އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބުން ނިމުމަކަށް ގެނައުމަށް ގޮވާލައި ގަރާރު އދ.ގެ ސަލާމަތީ މަޖިލީހަށް އަލުން ހުށަހަޅައި އެކަން ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލުމަށް ވެސް އެދިވަޑައިގެންފަ އެވެ. މީގެ މަހެއްހާ ދުވަސް ކުރިން ހުށަހެޅި ގަރާރު ވަނީ މަޖިލީހުގެ ބޭރުކޮށްލައިފަ އެވެ.

ފަލަސްތީނަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެންބަރަކަށް ވެއްޖެ ނަމަ އިޒްރޭލާ ދެކޮޅަށް ދައުވާ ކުރުމުގެ ބާރު ފަލަސްތީނަށް ލިބިގެން ދާނެ އެވެ. އެހެންވެ މިކަމާ ރުޅިގަދަވެފައިވާ އިޒްރޭލުން ވަނީ މިދިޔަ މަހުގެ ޓެކްސް ފައިސާ އިން ފަލަސްތީނަށް ލިބެންޖެހޭ 120 މިލިއަން ޑޮލަރު ހިފަހައްޓައިފަ އެވެ. އެހެންވެ ފަލަސްތީނުން މިހާރު ވަނީ 153000 މުވައްޒަފުންގެ މުސާރަ ވެސް ފަސްކޮށްފަ އެވެ.

ފަލަސްތީނަށް ލިބެންޖެހޭ ޓެކްސްގެ ފައިސާ ނަގައި ބަލަހައްޓަނީ އިޒްރޭލުންނެވެ. ފައިސާ ނުދީ ހިފަހައްޓާތީ އދ. އިން ވެސް އިއްޔެ ވަނީ އިތުރަށް ލަސް ނުކޮށް ފައިސާ ދޫކުރުމަށް އިޒްރޭލަށް ގޮވާލައިފަ އެވެ.