ވިޔަފާރި

އޮންލައިންކޮށް ޓެކްސީ ބުކް ކުރާ އެޕް ތައާރަފްކޮށްފި

Nov 22, 2015
5

އޮންލައިން ކޮށް ޓެކްސީ ހޯދޭ ފުރަތަމަ އެޕްލިކޭޝަން، "ކޮބާ ޓެކްސީ" އެޕް މިރޭ ލޯންޗްކޮށްފި އެވެ.

އަމިއްލަ ކުންފުންޏެއް ކަމަށްވާ، "ޓަވިޔަނި ޕްރައިވެޓް ލިމިޓެޑް" އާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން ތަރައްގީކޮށްފައިވާ އެ އެޕްލިކޭޝަން މެދުވެރިކޮށް އަދި ހިދުމަތް ދެމުން ދާނީ "5656" ޓެކްސީ ސެންޓަރުގެ ޓެކްސީތައް ބޭނުންކޮށްގެންނެވެ. އެ އެޕްލިކޭޝަން މިހާރު ވެސް އެޕްސްޓޯރުންނާއި ޕްލޭސްޓޭރުން ވެސް ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. އެ އެޕްލިކޭޝަން ފޯނަށް އެޅުމަށް ފަހު ޓެކްސީއެއް ހޯދުމަށް ފޯނުގެ ޖީޕީއެސް ލޮކޭޝަން ފީޗާ އާއި ވައިފައި ނޫނީ ތްރީޖީ އޮން ކޮށްފައި ބަހައްޓަން ޖެހެ އެވެ. 

"ކޮބާ ޓެކްސީ" އެޕް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުރަޝީދު ނާފިޒު ވިދާޅުވީ ޓެކްސީ ހިދުމަތް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

"އެންމެ ފުރަތަމަ ޓެކްސީއާ ބެހޭ ގަވައިދެއް ހެދުމުންވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި. ޓެކްސީ ގައި ނަމްބަރު ޖެހުމުންވެސް ދަތިތަކާ ކުރިމަތިވި،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮންލައިންކޮށް ޓެކްސީ ލިބޭ ހިދުމަތް ތައާރަފު ކުރުމުން ބައެއް މީހުން މި ހިދުމަތް ރާއްޖެއަށް ކަމަކު ނުދާނެ ކަމަށް ބުނި ކަމަށެވެ.

"ބޭރުގައި ކާމިޔާބުކޮށް ކުރެވޭނަމަ ރާއްޖޭގައި ނުވާންވީ ސަބަބެއް ނެތް،" ނާފިޒު ވިދާޅުވި އެވެ.

އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ނެގުމަށް ހަދަން ޖެހޭ ގޮތަކީ ޓެކްސީ އަންނަން ޖެހޭ ތަނެއް އެޕްލިކޭޝަން މެދުވެރިކޮށް ނެގުމަށް ފަހު އަންނަން ބޭނުންވާ ތާރީހާއި ވަގުތު އިހުތިޔާރު ކުރުމެވެ. އޭރުން އެތަނަކަށް އަންނަ ޓެކްސީ ޑްރައިވަރުގެ މައުލޫމާތާއި ޓެކްސީ ނަމްބަރު ވަގުތުން އެޕްލިކޭޝަނުން ދައްކާނެ އެވެ.