ދިރާގު

އަންހެން ކުދިންނަށް ކޯޑްކުރުން ދަސްކޮށްދޭ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށަނީ

އަންހެން ކުދިންނަށް ކޯޑުކުރުން ދަސްކޮށްދޭ ޕްރޮގްރާމެއް ހދ. ކުޅުދުއްފުށްޓަށް ހާއްސަކޮށްގެން އިއުލާން ކޮށްފި އެވެ.

"ގާލްސް ޓު ކޯޑް"ގެ ނަމުން ނަންދެވިފައިވާ މި ޕްރޮގްރާމަކީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުޅުދުއްފުށި ސީރިޒް މިހާރު އިއުލާންކޮށްފައިވާއިރު މިއީ މީގެ ތިންވަނަ ޕްރޮގްރާމެވެ.

މިފަހަރުގެ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ. މި ޕްރޮގުރާމުގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ހިމެނެ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކޯޑު ކުރުމުގެ އެއްވެސް ތަޖުރިބާއެއް ހުންނާކަށް ލާޒިމެއް ނުކުރެ އެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމެވެ. ހިލޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ދާނީ ދެމަސް ދުވަހުގެ މުއްދަތަކަށެވެ.

މި ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކުރުވުމާއި އަދި ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކުރުމަށްޓަކައި 2019 ވަނަ އަހަރު ފެށުނު ޓްރެއިންިން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަށާފައިވަނީ ޏ. ފުވައްމުލަކުންނެވެ. ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބާއިގުޅިގެން ދިރާގުން ވަނީ މިއަހަރުގެ ޖެނުވަރީ މަހު މި ޕްރޮގރާމްގެ ދެވަނަ ޕްރޮގްރާމުގައ ގދ. ތިނަދޫގައި ކުރިއަށް ގެންގޮސްފަ އެވެ.

ކުޅުދުއްފުށިން މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ މީހުން ޕްރޮގްރާމްގެ ވެބްސައިޓަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަ ކުރުމަށްފަހު ރެޖިސްޓްރީ ކުރުމަށް ހުށައެޅޭނެ އެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.