ދިރާގުން ދުނިޔޭގެ ވަރުގަދަ މުއާސަލަތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޓެއްހިމެނޭ ކޮންސޯޑިއަމް އާއި ގުޅި، ރާއްޖެ ސީމީވީ ސިކްސް ސަބްމެރީން ކޭބަލް ސިސްޓަމާ ގުޅާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް އެ މަސައްކަތް އަމަލީގޮތުން ފަށައިފިއެވެ.
ދެކުނު އޭޝިޔާއިންފެށިގެން، އިންޑިޔާ، މެދުއިރުމަތި އަދި ހުޅަގު ޔޫރަފާ ގުޅާލެވޭ މި ހައިސްފީޑް ސަބްމެރީން ކޭބަލްސިސްޓަމް އާ ރާއްޖެ ހިމެނޭގޮތަށް 11 ގައުމެއް ގުޅާލުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެ އެވެ. ސިންގަޕޫރުންފެށިގެން ފްރާންސް އާއި ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް 2025 ވަނަ އަހަރުގެ ފުރުތަމަ ކުއާޓާއަށް ނިމޭނެ ކަމަށެވެ.
ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރީން ކޭބަލް އަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން މަދުވެގެން 100 ޓީބީޕީއެސް ގެ ސްޕީޑް ޓްރާންސްމިޓް ކުރާނެ ސަބްމެރީން ކޭބަލް ސިސްޓަމެކެއް ކަމަށާއި މި ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝިއާ އާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޗޭންޖު ތަކަން ދިރާގުގެ ނެޓްވޯކް ސީދާ ގުޅާލެވޭނެ ކަމަށެވެ.
ދިރާގުން ބުނީ މި މިމަޝްރޫއުގެ ސަބަބުން ވިޔަފާރި ތަކަށާއި ކަސްޓަމަރުންނަށް ލިބިގެންދާ މުއާސަލާތީ އަދި ޑިޖިޓަލް ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށާއި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމު ތަކެކޭ އެއްފެންވަރެއްގައި ރާއްޖޭގެ މުއާސަލާތީ ހިދުމަތް ދެމެހެއްޓުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.
މި ސަބްމެރީން ކޭބަލް ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗާ އިތުރަށް ވަރުގަދަވެ ބައިނަލްއަގުވާމީ ޑިޖިޓަލް ހަބަކަށް ވުމަށް އިތުރު ބާރެއްލިބިގެންދާނެ ކަމަށާއި މިއީ ރާއްޖެގައި އިންވެސްޖުކުރާ ވިޔަފާރިތަކަންވެސް އިތުބާރާއި ޔަގީންކަން ލިބިގެންދާނެކަމެއް ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުގެ ސީއއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންސް ހިދުމަތުގެ ތަރައްގީއަށް ދިރާގުން ކުރަމުންދާ މަސައްކަތުން ހާސިލްކުރެވުނު މުހިއްމު ލަނޑުދަނޑިއެއްކަމަށެވެ. އަދި މި އިންވެސްމެންޓްގެ ސަބަބުން ދިރާގުގެ ކަސްޓަމަރުންނަށާއި އަދި މުޅި ގައުމަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަށެވެ.
"ސީމީވީ ސިކްސް ސަބްމެރީން ކޭބަލް ސިސްޓަމްގެ މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލް ތަކަކާއި ސީދާ ގުޅުވާލެވުމުގެ ސަބަބުން، އިންޓަރނެޓް ގެ ސްޑް އާއި ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ހަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެ." ސީއއޯ އިސްމާއިލް ރަޝީދު ވިދާޅުވި އެވެ
ކަސްޓަމަރުން ބޭނުންކުރައްވަމުންދާ ދިރާގުގެ ޑިޖިޓަލް ހިދުމަތްތަކުން ލިއްބައިދޭ ފަސޭހަތަށް އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް ހިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި ދިރާގުން މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.