ދިރާގު

ދިރާގުގެ އަމާޒަކީ ރާއްޖެއަށް ފާގަތިކަން ގެނެސްދިނުން: އެމްޑީ

ދިރާގުގެ އަމާޒަކީ ރާއްޖެއަށް އިތުރު ތަރައްގީއާއި ފާގަތިކަން ގެނެސްދިނުން ކަމަށް ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީ މިހެން ވިދާޅުވީ ދިރާގުގެ 33 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްކެވި ވާހަކައިގަ އެވެ.

އެމްޑީ އިސްމާއީލް ވިދާޅުވީ ދިރާގު ކުންފުންޏެއްގެ ގޮތުގަ ކުރިއަރައިގެން ދިޔައީ އެ ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އެ މަސައްކަތާއި ރާއްޖޭގެ ތަރައްގީއާ ވަނީ ގުޅިފައި ކަމަށާއި ދިރާގަކީ ކަސްޓަމަރުން ވަރަށް އިތުބާރު ކުރާ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ.

ދިރާގު އުފެދުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ މުވާސަލާތީ ގޮތުން ރާއްޖެއަށް އެ ކުންފުނިން ވަނީ އިންގިލާބެއް ގެނެސްދީފަ ކަމަށް ވެސްް އެމްޑީ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ މުޅި އާބާދީއަށް މޯބައިލްގެ ހިދުމަތާއި އިންޓަނެޓުގެ ހިދުމަތް ތައާރަފުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ފައިބާ ބްރޯޑްބޭންޑާއި ދިރާގު ޓީވީގެ ހިދުމަތްތައް 80 ޕަސެންޓު އާބާދީއަށް ތައާރަފުކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

ދިރާގުން ދެމުންދާ ބައެއް ހިދުމަތްތަކަށް ބަދަލުތައް ގެނެސްފައިވާކަން ވެސް އެމްޑީ އިސްމާއީލް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ގިނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކޮށްފައިވާނެ ކަމަށާއި އަގުތަކަށްވެސް ހެޔޮ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މޯބައިލް އިންޓަނެޓުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް މިއަދު ގެނެސްފައިވާކަން ފާހަގަކުރެއްވި އެވެ.

"މުވާސަލާތީ މަސައްކަތްތަކުގެ އިތުރުން އިޖުތިމާއީ މަސައްކަތްތައްވެސް ދިރާގުން ކުރަމުންދަނީ. އެގޮތުން ޒުވާނުން ބިނާ ކުރުމަށާއި، ތިމާވެށި ހިމާޔަތް ކުރުމަށާއި، ތައުލީމީ ދާއިރާގެ އިތުރުން ކުޑަކުދިންނަށް އެހީތެރިވުމަށް އަބަދުވެސް ދިރާގުން ދަނީ މަސައްކަތް ކުރަމުން." އެމްޑީ އިސްމާއީލް ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީ ވިދާޅުވީ ދިރާގުގައި 99 ޕަސެންޓު ދިވެހިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.