ކަނޑުމަތީގެ ހާދިސާ

ލޯންޗެއްގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް ފަޅުވެރިޔަކަށް އަނިޔާވެއްޖެ

ށ. ކަނޑިތީމުން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ފަޅުވެރިއަކަށް އަނިޔާވެއްޖެ އެވެ.

މިއަދު ހެނދުނު 11:30 ހާއިރު ހިނގި އެ ހާދިސާގައި ގެއްލުން ލިބުނީ ކަނޑިތީމުގެ "ފްލައިން ފިޝް ޖެރީ" ނަމަކަަށް ކިޔާ ލޯންޗަކަށެވެ.

އެ ލޯންޗް ދުއްވާ ކުންފުނީގެ އިސް އޮފިޝަލަކު އަވަސް އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މާލެ އަތޮޅު ގާފަރާ ހިސާބުގައި ލޯންޗް ދުއްވަމުން ދަނިކޮށް ކަމަށެވެ.

އެގޮތުން ލޯންޗަށް އެރި ވަރުގަދަ ރާޅަކާ އެކު ލޯންޗުގެ ދިރުބާކޮޅުގެ ބިއްލޫރި ގަނޑު ތަޅައިގެން ދިޔައީ އެވެ.

"ލޯންޗް މަޑުވެސް ކުރި އެ ގަޑީގައި. ދެން ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކްރޫއެއްގެ ގައިގެ އެކި ތަނަށް ބިއްލޫރި ވަނީ. ނަސީބަކުން މާބޮޑު އަނިޔާއެއް ނުވޭ" އޮފިޝަލް ވިދާޅުވި އެވެ.

ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ލޯންޗު ދުއްވާތާ އަދި ވެފައިވަނީ ތިން އަހަރެވެ. އަދި ލިބުނު ގެއްލުންތަކާ ގުޅިގެން އެ ލޯންޗް މަރާމާތުކުރަން މިހާރު ވަނީ ތިލަފުއްޓަށް ގެންގޮސްފަ އެވެ.