އަބަދުވެސް ހުންނަވާނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ އިސް މެންބަރެއް ކަމުގައިވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް، ރައީސް ސޯލިހަކީ އަދާލަތު ޕާޓީގެ މެންބަރެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވުމާ ގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިސުވާލާ ގުޅުވާ އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ހަސަން އަފީފް ފަދަ އިސް ބޭފުޅަކު އެގޮތަށް ވާހަކަ ދެއްކެވުމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމަށް ގުޅުއްވާ އެކަން ހިނގާދިޔަ ގޮތެއް ބައްލަވައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެގޮތަށް އެދިވަޑައިގެންނެވީ އެފަދަ ވާހަކަތަކުން މަސްލަހަތު ގެއްލެން ބޭނުން ނުވާތީ ކަމުގައި ވިދާޅުވި އެވެ. އަދި ގުޅުއްވި ބޭފުޅުން ކައިރީ "އަޅުގަނޑަކީ މިހާރު އެމްޑީޕީ މީހަކަށް ނުވަނީތޯ" އެއްވެސް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ހަސަން އަފީފާ ވާހަކަ ދެއްކެވި ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި 42 މީހުންގެ ތެރެއިން ދެވަނަ އަށް ސޮއި ކުރެއްވީ އެމަނިކުފާނު ކަމަށެވެ. އަދި އެމްޑީޕީގެ ކުރިން އުފެއްދުމަށް މަސައްކަތް ކުރި ޕާޓީ އަށް ވެސް އެމަނިކުފާނު ސޮއި ކުރެއްވި ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީގެ ނިޒާމު ގާއިމުކުރުމަށް މަޖިލީހުގައި އެންމެ ފުރަތަމަ ނެގުނު ވޯޓުގައި ސިޔާސީ ޕާޓީ އުފައްދަން ވޯޓު ދިން ތިން މެންބަރުންގެ ތެރޭގައި ވެސް އެމަނިކުފާނު ހިމެނޭނެ ކަމަށެވެ.
ވެރިކަން ކުރާ ކޯލިޝަން ރޫޅާލުމަށް އެމްޑީޕީގެ ބައެއް މެންބަރުން ފާޅުގައި ވާހަކަދައްކަވާތީ އެ މައްސަލާގައި ރައީސް ސޯލިހް ވިދާޅުވީ ގިނަ ޕާޓީތައް ބައިވެރިވެވޭ ގޮތަށް މިހާތަނަށް ބޭއްވި އެއްވެސް އިންތިހާބެއްގައި ރައްޔިތުން އެއް ޕާޓީ އަކަށް ވެރިކަން ކުރަން ފުރުސަތު ދީފައި ނުވާ ކަމަށެވެ. އެހެންވެ ރައްޔިތުން ވޯޓު ދިން ގޮތަށް ވެރިކަން ކޯލިޝަން ރޫޅުނަ ނުދީ ހިފަހައްޓަވައިގެން ވެރިކަން ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވެރިކަން ކުރުމަށްޓަކައި ކޯލިޝަން ޕާޓީ ތަކާ މަޝްވަރާ ކުރުމަކީ އެ ޕާޓީ ތަކުން ސަރުކާރަށް ނުފޫޒު ފޯރުވުން ނޫން ކަމަށެވެ. އެހެންކަމުން އެމްޑީޕީއާ މަޝްވަރާ ކުރާ ގޮތަށް ކޯލިޝަން ޕާޓީ ތަކުގެ ތެރޭގައި ހިމެނޭ ޖޭޕީ، އެމްއާރްއެމް އަދި އަދާލަތު ޕާޓީއާ ވެސް މަޝްވަރާ ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
"އެެއީ ރައްޔިތުން ބޭނުންވާ ގޮތް. އެހެންވީމާ އެއީ ނުފޫޒު ފޯރުވުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.