ރައީސް މުހައްމަދު ނަޝީދު

ރައީސް ދަނީ ސިޔާސީ ނިޒާމު ގަޑުބަޑު ކުރަމުން: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ސިޔާސީ ނިޒާމު ގަޑުބަޑު ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑުފެންވަޅުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ "ޓްރާންސެކްޝަނަލް ޕޮލިޓިކްސް" ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު މަޖިލިސް މެންބަރުން ގަނެގެން މަޖިލީހުގެ ކޮންޓްރޯލް ނެގުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަން އެގޮތަށް ހިންގުމުން މުޅި ސިޔާސީ ނިޒާމު ގަޑުބަޑުވެގެންދާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަރައްގީގެ ސިޔާސަތުގައި ކުޑަރަށެއް ބޮޑު ރަށެއް އަދި އާބާދީއަށް ނުބަލައި މަޝްރޫއުތައް ހިންގަނީ މަޖިލިސް މެންބަރުން ގަތުމަށް ކަމަށެވެ. އެކަމުން ބޮޑެތި ގެއްލުންތަކެއް ގައުމަކަށްވާނެ ކަމަށް ވިދާޅުވި އެވެ.

އާބާދީ ކުޑަ ރަށެއްގައިވެސް އެތައްސަތޭކަ ކިލޯމީޓަރެއްގެ ނަރުދަމާގެ ނިޒާމެއް އަޅަން ނުބައްދަލު ހަރަދު ހިނގާ ކަމަށާއި ކުދި ރަށްތަކަށް ނަރުދަމާ ނޫން ގޮތްތަކުންވެސް ހައްލު އެބަހުރި ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

"ކުޑަރަށެއްގައިވެސް ގެސްޓް ހައުސް ވިޔަފާރި ކުރެވެން އޮތްނަމަ ނަރުދަމާ ނިޒާމާ ފެނުގެ ނިޒާމު ފީޒިބިލް ވެގެންދާ ކަމަށް ދިރާސާތަކުން ދައްކާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތްގޮތަަށް ކަންކަން ހިނގަނީ މަޖިލިސް މެންބަރުން ގަތުމަށް ކުރާ މަސައްކަތުގެ ސަބަބުންނެވެ. އޭގެ ސަބަބުން ސިޔާސީ ނިޒާމުގެ ޗެކް އެންޑް ބެލެންސްގެ ހުކޫމަތު ގެއްލިގެންދާ ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ ބަންޑާރަނައިބު ބޭނުން ކުރައްވައިގެން ރައީސް ސޯލިހް ވަނީ މަޖިލީހުގެ ޒިންމާވެސް ސަރުކާރުގެ މުށުތެރެއަށް ލާފައިވާ ކަމަށް ނަޝީދު ތުހުމަތުކުރެއްވި އެވެ. ގާނޫނުތައް ފަރުމާ ކުރުމަކީ މަޖިލީހުގެ ޒިންމާއެއްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އެ ޒިންމާ އަދާކުރުމަށް ބަންޑާރަނައިބްގެ ގާބިލްކަން ނެތްއިރުވެސް ސަރުކާރުން ދަމައިގެންފައިވާ ކަމަށެވެ. ސަރުކާރުން ހުށަހަޅާ ބިލްތަކަށް އެތައް ބަދަލެއް މަޖިލީހުން ގެންނަން ޖެހޭ ކަމަށާއި ކޮމިޓީތަކުގައި ބިލްތައް ހިފެހެއްޓުންފަދަ ހުރަސްތައް ބަންޑާރަ ނައިބް މެދުވެރިކޮށް ސަރުކާރުން ކުރިމަތިކުރުވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"މިއީ ސިޔާސީ ނިޒާމު ގަޑުބަޑު ކުރުން. އަޅުގަނޑު ނިކުމެ މިހުރީ މިކަންކަމާ ދެކޮޅަށް ހުދުމުހުތާރު ސިފަތައް އަށަގެންނެވިޔަ ނުދޭން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ނަޝީދު މިހާރު ވަނީ އައްޑޫ ސިޓީ ފިޔަވައި ހުރިހާ އަތޮޅަކަށް ވަޑައިގެންފަ އެވެ. ރައީސް ނަޝީދު މާދަމާ އައްޑޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.