ވަކި ބަޔަކު ބޭނުން ވުމުން އަވަސް އަރުވާލައިގެން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅު ވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ އަރިސް، އަދި އެމްޑީޕީގެ އެންމެ ސީނިއާ މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އަސްލަމް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ބަޔަކު ބޭނުން ވުމުން ކުއްލިއަކަށް ކޮށްލާ ވަރަށް ވުރެ ރައްޔިތުންނާ މާބޮޑަށް ވެސް ގުޅިފައިވާ ގައުމީ މައްސަލައެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް، ބަރުލަމާނީ ނިޒާމެއް ގެންނަވަން ތާއީދު ކުރައްވާ ތަކުރާރުކޮށް ވާހަކަފުޅު ދައްކަވާ މައްސަލާގައި އަސްލަމް ވިދާޅުވީ އެއީ ރައީސް ނަޝީދުގެ ވިސްނުންފުޅެއް ކަމަށް ވާނަމަ އެކަން ހާމަ ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އޭނާ ގަބޫލު ކުރައްވާ ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލު ކުރުން ކަހަލަ ބޮޑު މަސައްކަތެއް ކުރަން ވާނީ އެކަމުގައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ރައްޔިތުން ކަމަށެވެ.
"ނިޒާމު ބަދަލު ކުރުމުގެ މައްސަލަ އަކީ ވަރަށް ފުންކޮށް ވިސްނަން ޖެހޭ މައްސަލައެއް. އަލުން ނިޒާމު ބަދަލު ކުރާނަމަ އެކަމުގައި ވަރަށް ގިނަ މަޝްވަރާތައް ކުރަން ޖެހޭ. ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ވެސް ހުންނާނެ. މިކަމާ ގުޅޭ މަޝްވަރާތައް ފުރަތަމަ ފަށަން ވާނީ ޕާޓީ ލެވަލްގައި. އޭގެ ފަހުން އަދި ކުރިއަށް ދާން ވާނީ ވެސް،" އަސްލަމްގެ ހިޔާލު އޮތް ގޮތް ހިއްސާ ކުރެއްވި އެވެ.
މިހާރުގެ ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގައި އައްޑު އަތޮޅު މެންބަރު ކަން ވެސް ކުރައްވާފައިވާ އަސްލަމް ވިދާޅުވީ ވެރިކަމުގެ ނިޒާމާ މެދު ރައްޔިތުން އޮތީ ގޮތް ނިންމާފައި ކަމަށެވެ. ގާނޫނީއަސާސީ އެކުލަވާލައި ނިންމާލީ އެކަމުގައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ފަހު ކަމަށްވާތީ އަލުން ވެރިކަމުގެ ނިޒާމު ބަދަލު ކުރާނަމަ އެންމެ ރަނގަޅު ގޮތަކީ ރައްޔިތުން އެކަމުގައި ދެކޭ ގޮތް އަލުން އެހުން ކަމަށެވެ.
"ނިޒާމު ބަދަލުކުރުން ކަހަލަ ބޮޑު ކަމެއްގައި މުހިއްމީ އަޅުގަނޑުގެ ހިޔާލެއް ނޫން. އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންގޮސް ކަމާ ގުޅޭ އެންމެންގެ ހިޔާލާއި ލަފަ އާއި މަޝްވަރާ އެންމެ މުހިއްމީ. އަދި އަޅުގަނޑު ދެކޭ ގޮތުގައި އެވަރުގެ ނިންމުމެއް ނިންމާއިރު ވާދަވެރި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހިޔާލު ހުރި ގޮތް ވެސް ހޯދަން ވާނެ." ރައީސް ނަޝީދު ކެމްޕޭން މެނޭޖަރު ކަން ވެސް ކުރައްވާފައިވާ އަސްލަމް ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަަށް ބަދަލުކުރަން ރައީސް ނަޝީދު ތާއީދު ކުރެއްވި ނަމަވެސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި، އަދާލަތު ޕާޓީގެ އަދި އެމްއާރްއެމްގެ އެންމެ އިސްވެރިން ވަނީ ނިޒާމު ބަދަލު ކުރުމުގެ މައްސަލައަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.
އެކަމަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ރައީސް ސޯލިހް ވިދާޅުވެފައި ވަނީ އެކަން ކުރައްވަން ވަގުތެއް ނެތް ކަމަށާއި ކުރިޔަސް އެއީ ރައްޔިތުންގެ ގާތަށް ގޮސްގެން ކުރަންޖެހޭ ކަމެއް ކަމަށެވެ.