ދުނިޔެ

ނެޓް ޒީރޯ އެމިޝަނަށް ވާސިލެއް ނުވެވޭނެ: އޮސްޓްރޭލިއާ

އދ. އިން ހިފާފައި އޮތް އަމާޒަށް ވާސިލްވުމަކީ އޮސްޓްރޭލިއާއަށް ކުރެވިދާނެ ކަމެއް ނޫން ކަމަށް ދޭހަވާ ގޮތަށް ބޮޑުވަޒީރު ސްކޮޓް މޮރިސަން ވާހަކަ ދައްކަވައިފި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އެދިވަޑައިގެންފައި އޮތީ މިއަހަރު ނޮވެމްބަރުގައި އޮންނަ ގްލާސްގޯ ކްލައިމެޓް ކޮންފަރެންސްގެ ކުރިން މެމްބަރު ގައުމުތަކުން ޚާއްސަކޮށް ޖީ20 ގައުމުތަކުން ނެޓް ޒީރޯ އެމިޝަން ކޯލިޝަންގައި ބައިވެރިވުމަށެވެ.

ނެޓް ޒިރޯ އެމިޝަން ކޯލިޝަންގައި ބައިވެރިވެއްޖެ ނަމަ އދ. އިން ކަނޑައަޅާ ތާރީޚަކަށް ނެޓް ޒީރޯ އެމިޝަން – ސިނާއީ މަސައްކަތްތަކުގެ ސަބަބުން އުފެދޭ ވިހަ ގޭސްތައް ހަމަ އެމިންވަރަށް ނުވަތަ ފާހަގަކުރެވޭ ވަރަށް ދަށްކުރަން ޖެހެ އެވެ.

އެމެރިކާ ފަދައިން އަމިއްލަ ފައިމަތީގައި ހިނގާ ގައުމުތަކުން ވިސްނަނީ 2050 ލައިގަތުމުގެ ކުރިން ނެޓް ޒީރޯ އެމިޝަން ހާސިލްވުމަށެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒިރު ސްކޮޓް މޮރިސަން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް 30 އަހަރަކީ ނެޓް ޒީރޯ އެމިޝަން ހައިސިއްޔަރު ހާސިލްކުރަން އޮސްޓްރޭލިއާއަށް ކުރު މުއްދަތެއް ކަމަށެވެ.

ސްކޮޓް މޮރިސަން ވިދާޅުވި ފުރަތަމަ ކުރަން އޮތް ކަމަކީ އެހައިސިއްޔަތު ހާސިލްކުރަން ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުން ކަމަށާއި އެކަމަށް ހިނގާނެ ޚަރަދު ވެސް ޖެހޭނީ ހޯދަން ކަމަށެވެ. އަދި ނެޓް ޒީރޯ އެމިޝަން ހާސިލްކުރުމުގައި އާންމުންނަށް އޮތް ދައުރާ މެދު ވާހަކަދައްކައި ހޭލުތެރިކުރުވުމަކީ ވެސް ވަގުތު ނަގާނެ ކަމެއް ކަމަށެވެ.

އދ.ގެ އިންޓަގަވާންމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް އިން ބުނެފައި އޮތީ ކުރިއަށް އޮތް 20 އަހަރު ތެރޭގައި ވިހަގޭސްތައް ނައްތާލަން އެކަށިގެންވާ މަސައްކަތްތަކެއް ނުކުރެވިއްޖެ ނަމަ ދުނިޔޭގެ ހޫނުމިނަށް 1.5 ޑިގްރީ ސެލްސިއަސް އިތުރުވާނެ ކަމަށެވެ.