ކުރީގެ ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް މިއަދު އައްޔަނުކުރައްވައިފި އެވެ.
ޒަހާއަށް މަގާމުގެ ފަތްކޮޅު އަރުއްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި ޒަހާ މިނިސްޓަރު ކަމުން ވަކިކުރެއްވިކަން އެންގެވީ މޭ މަހުގެ ފަސްވަނަ ދުވަހު މެންދަމުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ފޯނުން ގުޅުއްވާފައި ކަމަށް މީޑިއާތަކުގައި ރިޕޯޓުކުރި އެވެ.
ނަމަވެސް ރައީސް އޮފީހުން އެ އޮފީހުގެ ވެބްސައިޓްގައި ޒަހާއާއި ގުޅޭގޮތުން އާންމު ކުރި ލިޔުމުގައި ބުނެފައިވަނީ ޒަހާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ސިޓީއާއި ގުޅިގެން ވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން ޒަހާ ވަހީދު ކޮށްދެއްވި އިހުލާސްތެރި ހިދުމަތްތަކަށް ރައީސް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
ޒަހާ އަށް ރައީސް އޮފީހުގެ މަގާމެއް ދެއްވުމަށް ނިންމެވި ކަމަށް އޭރު ވެސް އަޑުތަކެއް އަރާފައިވެ އެވެ.
ޒަހާ މަގާމުން ވަކިކުރެއްވުމުގެ ކުރިން އެކަމަނާގެ މަސައްކަތުގެ ނަތީޖާއާ މެދު ސުވާލު އުފެދިގެން ނުވަތަ ހިތްހަމަޖެހިވަޑައިނުގެން ރައީސް ސޯލިހު އެއްވެސް އިރަކު މަޝްވަރާ ކުރައްވާފައި ނުވާ ކަމަށް އެމްއާރްއެމުން ކުރިން ބުނެފައިވެ އެވެ.