ހަސަން ލަތީފް

ދެ ލީޑަރުންގެ މައްސަލަތައް ހައްލުކުރަން ހަސަން އިސްނަންގަވައިފި

Aug 12, 2021
4

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދުގައި އުފެދިފައި ހުރި ހިޔާލުތަފާތުވުންތައް ހައްލުކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އިސްނަންގަވައިފި އެވެ.

އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ހަސަން ވިދާޅުވީ ރައީސް ނަޝީދާއި ރައީސޯ ސޯލިހާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހައްލުކުރުމަށް މަސައްކަތް ކުރުމަކީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އޭނާ ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޕާޓީގެ އެންމެ އިސް ދެ ލީޑަރުންގެ ދެމެދުގައި ހުރި މައްސަލަތައް ހައްލުކުރަން ޖެހެނީ ޕާޓީގެ މަސްލަހަތު ހިފެހެއްޓުމަށާއި ޕާޓީގެ މުސްތަގުބަލަށް އޮތް އެންމެ ރަނގަޅު ގޮތަކީ ދެ ބޭފުޅުން އެކުގައި ކުރިއަށް ވަޑައިގަތުން ކަމުގައިވާތީ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑު މިކަމުގައި ދެ ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރެއްވުމަށް ހުށަހަޅާނަން. އަދި ސީދާ އެ ދެ ބޭފުޅުންނާ ބައްދަލުކުރެވިފައި ނެތް ނަމަވެސް ޗެއާޕާސަންގެ ހައިސިއްޔަތުން އަޅުގަނޑު އެކަން ކުރާނަން،" ހަސަން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕާޓީގެ އެންމެ އިސް ދެ ލީޑަރުންގެ މެދުގައި ހުރި ހިޔާލުތަފާތުވުންތައް ހައްލުކުރުމަށް ކުރައްވާ މަސައްކަތުގައި ދެ ލީޑަރުން ވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތް ފައްޓަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު މިދިޔަ މަހުގެ ތެރޭގައި ވަނީ ރައީސް ސޯލިހާއި އެކު ސިޔާސީ މަސައްކަތް ދެން ނުކުރައްވާނެ ކަމަށް ވިދާޅުވެ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ އެހީތެރިކަމަށްވެސް އެދިވަޑައިގެންފަ އެވެ. އެގޮތުން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ޝަރުތުތަކަކާ އެކު ޕީޕީއެމްއާ މަޝްވަރާކޮށްގެން ގުޅިގެން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ވަނީ ފާޅުކުރައްވާފަ އެވެ.

އެ މައްސަލާގައި އިއްޔެއާއި ހަމައަށް ރައީސް ސޯލިހް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ޕީޕީއެމްއާއި އެމްޑީޕީއަކީ އެންމެ ބޮޑު ސިޔާސީ ދެ ފިކުރު ކަމަށްވާތީ އެ ދެ ފިކުރު ގުޅިގެން ކުރިއަށް ދިއުމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެ ދެ ފިކުރު ގުޅުމަކީ ސިޔާސީ ނިޒާމު ހުއްޓުމަކަށް އަންނާނެ ކަމެއް ކަމަަށެވެ. އެކަމަކު ރައީސް ނަޝީދު ޕީޕީއެމްއާއި އެކު ނޫނީ ރައީސް ޔާމީންއާ އެކު ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންވާނަމަ ފަރުދީ ހައިސިއްޔަތުން އެގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.