ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުން މިފަހަރު ނިންމީ އަންމަޓީ ދޫނުކުރަން

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ބަންދުން ދޫނުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ އަންމަޓީގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހެކެވެ. އިއްޔެ ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އަދި އަންމަޓީގެ ފަރާތުން ވަނީ ބަންދާމެދު ވާހަކަދައްކާފަ އެވެ.

އަންމަޓީގެ ދިފާއީ ވަކީލް އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އިއްޔެ ޝަރީއަތުގެ އަޑުއެހުމުގައި އެދިވަޑައިގަތީ އިތުރު ޝަރުތުތަކެއް މަތިކޮށްފައި ނަމަވެސް އަންމަޓީ ދޫކޮށްލުމަށެވެ. މީހަކު ޖާމިނުކޮށްފައި ނަމަވެސް ދޫކޮށްލުމަށް ވަނީ އެދިވަޑައިގެންފަ އެވެ. ޝަރުތުތައް ގިނަ ކުރުމަށްފަހު އަންމަޓީ ދޫކޮށްލެވިދާނެ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވެސް ފާހަގަކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޖާމިނުވާ ފަރާތެއް ކަނޑައެޅުމަށްފަހު ބަންދުން ދޫކޮށްލުން ނުވަތަ ކޮންމެ ދުވަހަކު ނޫނީ ދެ ދުވަހުން އެއްދުވަހު ޕޮލިހަށް ނުވަތަ ކޯޓަށް ނުވަތަ ޕީޖީ އޮފީހަށް ހާޒިރުވެ ސޮއިކުރާ ގޮތަށް ނަމަވެސް ބަންދުން ދޫކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން އެކަމަށް ވަނީ އިއުތިރާޒްކޮށްފަ އެވެ. ދައުލަތުގެ ވަކީލާ ފާހަގަކުރެއްވި ގޮތުގައި ދެ އަހަރު ވަންދެން އޭނާ އުޅުނީ ތަހުގީގަށް ފިލައިގެން ކަމަށާއި އޭނާ ގައުމަށް އެނބުރި އައީ ސްރީލަންކާއިން ޑީޕޯޓުކޮށްލުމުން ކަމަށެވެ. އެހެންކަމުން އޭނާ ކޯޓަށް ހާޒިރުނުވެދާނެތީ އާއި ޝަރީއަތަށް ފިލައިފާނެ ކަމުގެ އިހުތިމާލް ވަރަށް ބޮޑު ކަމަށެވެ.

ގާޒީ ހަސަން ސައީދު މިއަދު ނިންމެވީ އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރު ދެމެހެއްޓުމަށެވެ. ނަމަވެސް 30 ދުވަހުން ބަންދު ރިވިއު ކުރާއިރު ހާލަތު ބަދަލުވެފައިވާނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަންމަޓީގެ މައްޗަށް ދައުލަތުން އުފުލާފައިވާ 42 ދައުވާގެ ތެރެއިން ހަތަރު ދައުވާއެއް އިއްޔެ ވަނީ އިއްވާފަ އެވެ. އެ ހަތަރު ދައުވާއަށް ވެސް އަންމަޓީ ވަނީ އިންކާރުކޮށްފަ އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ދައުލަތުން އަންމަޓީގެ އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.