އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ސްރީލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއިރޮނޮޓިކްސް (އޭއޭއޭ) އިން ހިންގަމުން ދިޔަ ފްލައިން ސްކޫލް ހިންގުމާ މިހާރު ހަވާލުވެފައިވާ އެވިޑް ކޮލެޖަށް އެ ސްކޫލު ހިންގުމުގެ ހުއްދަ ނެތް ކަން އެނގިއްޖެ އެވެ.
އޭއޭއޭގެ ހިންގުން ގޯސްވެ ކުރިމަތިވި ފިއްތުންތަކާ ގުޅިގެން މިދިޔަ ޖޫން މަހު ފްލައިން ސްކޫލު އެވިޑްގެ ދަށަށް ބަދަލުކުރި އެވެ. އެވިޑުން އޭރު ބުނީ އެ ސްކޫލު އެ ކޮލެޖުގެ ދަށަށް ބަދަލުކުރީ އޭއޭއޭގެ އަތުން ހުރިހާ އެސެޓެއް ގަތުމަށްފަހު ކަމަށެވެ. ނަމަވެސް އޭއޭއޭ އިން ފްލައިން ސްކޫލު ހިންގި ދުވަސްވަރު ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ދަރިވަރުން މައްސަލަ ހުށަހަޅާފައިވާ އިރު އެކަމާ ގުޅޭ ކޯޓު ލިޔުންތަކުން އެނގޭ ގޮތުގައި އޭއޭއޭގެ އަތުން ފްލައިން ސްކޫލު ގަނެފައެއް ނުވެ އެވެ. އެކަމާ ގުޅޭ ލިޔެކިޔުންތައް އަވަސްއަށް ވެސް ލިބިފައިވާ އިރު އެ ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި އެވިޑު ކޮލެޖާއެކު އޭއޭއޭ އިން ކުރި މުއާމަލާތަކީ ވިޔަފާރި ވިއްކާލުމުގެ މުއާމަލާތެއް ނޫނެވެ.
"އެ މުއާމަލާތަކީ ދައުވާ ލިބޭ ފަރާތުގެ ވަސީލަތް ކުއްޔަށް ހިފައިގެން ދައުވާ ލިބޭ ފަރާތުގެ ނަމުގައި އޮތް ފްލައިން ސްކޫލު އެވިޑް ކޮލެޖުން ހަރަދުކޮށްގެން މެނޭޖްކޮށްގެން ދައުވާ ލިބޭ ފަރާތުގެ ނަމުގައި ހިންގުމަށް ވެފައިވާ މުއާމަލާތެކެވެ. އަދި މި މުއާމަލާތުގައި ދައުވާ ލިބޭ ފަރާތުގެ ވިޔަފާރި ގަތުމަށް އެވިޑް ކޮލެޖަށް އިހުތިޔާރު އޮތް ނަމަވެސް އެއީ އޮތް އިހުތިޔާރެއް ކަމަށާއި އެ އިހުތިޔާރުގެ ބޭނުން އެވިޑް ކޮލެޖަށް ހިފޭނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ފަހުން ކަަމަށް ދެފަރާތުން އެއްބަސްވެފައި ވެއެވެ." އަވަސް އަށް ލިބިފައިވާ ސިއްރު ލިޔުމެއްގައި ބުނެފައި ވެއެވެ.
އެވިޑް ކޮލެޖުން ފްލައިން ސްކޫލު ހިންގުމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް މީހަކު ހުށަހެޅި ސުވާލުތަކަކަށް މިނިސްޓްރީން ދިން ޖަވާބުގައި ބުނީ ރާއްޖޭގެ ޕައިލެޓް ލައިސެންސްގެ ބޭނުމަށްޓަކައި ކޯސްތައް ހިންގޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) އެޕްރޫވަލް ހޯދައިގެން ކަމަށެވެ. ނަަމަވެސް އެ އެޕްރޫވަލް އެވިޑުން ހޯދައިފައި ނުވާ ކަމަށެވެ.
އޭއޭއޭގެ ހިއްސާ ނުގަނެ އެ ކުންފުނީގެ އޭޓީއޯ ލައިސަންސްގެ ދަށުން އެވިޑަށް ފްލައިން ސްކޫލު ހިންގިދާނެތޯ ވެސް މައުލޫމާތު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހެޅި ސުވާލުގައި އަހާފައިވެ އެވެ.
އޭގެ ޖަވާބުގައި މިނިސްޓްރީން ބުނީ އޭޓީއޯ ލައިސަންސް އޮންނަ އޮގަނައިޒޭޝަނެއްގެ ހިއްސާ އެހެން ފަރާތަކުން ގަނެފިނަމަ ހިއްސާދާރަށް އޮގަނައިޒޭޝަންގެ ހައްގުތައް ލިބޭނެ ކަމަށެވެ. އަދި އެފަދަ މުއާމަލާތެއް ހިނގައިފިނަމަ އެކަން މިނިސްޓްރީއަށް އަންގައި އޭޓީއޯ ލައިސަންސް ހޯދަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އެހެންކަމުން އެވިޑް ކޮލެޖަށް އޭއޭއޭގެ އޭޓީއޯ ލައިސަންސް ބޭނުންކުރެވޭނީ އޭއޭއޭގެ ހިއްސާ ގަނެގެން އެކަންޏެވެ.
ފްލައިން ސްކޫލް ހިންގަން އޭއޭއޭ އިން ގަން އިންޓަނޭޝަނަލް އެއާޕޯޓާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު އެވިޑް ކޮލެޖަށް އެ ސްކޫލު ހިންގަން ނުދޭން އެ އެއާޕޯޓުން އޮތީ ނިންމާފަ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް އެތަން ހުސްކުރުމަށް ވެސް އޮތީ އަންގާފަ އެެވެ. ނަމަވެސް އަދިވެސް އެތަން ހުސްކޮށްފައެއް ނުވެ އެވެ.
އެވިޑް ކޮލެޖުން މިއަދު ބުނީ ފްލައިން ސްކޫލް އެހެން ސަރަަހައްދަކަށް ބަދަލުކުރުމަށް މިހާރު ވިސްނަމުންދާ ކަމަށެވެ.