މެސީ

މެސީގެ ފުރަތަމަ ޕްރެކްޓިސްއަށް ދެގަޑިއިރު ކުރިން

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއި ގުޅުމަށްފަހު ޓީމުގެ ފުރަތަމަ ފަރިތަކުރުމަށް ދެ ގަޑިއިރު ކުރިން މެސީ ގޮސްފި އެވެ.

ޓީމުގެ ފަރިތަކުރުން ޝެޑިއުލް ކުރެވިފައި އޮތީ 11:00 ޖަހާއިރަށެވެ. މެސީ ވަނީ 09:15 ހާއިރު ފަރިތަކުރުމަށް ގޮސްފަ އެވެ. އަދި ސެޝަން ފެށުމުގެ ކުރިން މެސީ ވަނީ ފަރިތަކުރާ މާހައުލަށް ހޭނުމުގެ އިތުރުން ކޯޗު މައުރީސިއޯ ޕޮކެޓީނޯ އާއި ވާހަކަ ދައްކާލަން މަޑުކޮށްފަ އެވެ.

މައުރީސިއޯ އަކީ އާޖެންޓީނާއަށް ނިސްބަތްވާ ކޯޗަކަށް ވުމުން މެސީ އާއި އޭނާ އާއި ދެމެދު މީގެ ކުރިންވެސް ވަނީ ގާތް ގުޅުމެއް އުފެދިފަ އެވެ. ނަމަވެސް މިއީ ކްލަބް ފުޓްބޯޅައިގެ ކުރިމަގާއި މެދު ހަމަޖެހިގެން ދެމީހުން ވާހަކަ ދައްކާލަން ލިބުނު ފުރަތަމަ ފަހަރެވެ.

ބުރާސްފަތި ދުވަހު އޮތް ފަރިތަކުރުމުގައި މެސީ ބައިވެރިވި ނަމަވެސް މި ހަފްތާ ބަންދުގައި ސްޓާސްބާގް އާއި ބައްދަލު ކުރާ މެޗުގައި މެސީ ނުކުޅޭނެ އެވެ. އެއީ ޓީމާއި އަލަށް ގުޅުމުގެ އިތުރުން ޕްރީސީޒަންގެ އެއްވެސް މެޗެއްގައި ޕީއެސްޖީއަށް ކުޅެފައި ނުވާތީ އެވެ. މެސީ ޕީއެސްޖީގެ މެޗަކުން ފެންނާނީ ސީދާ ކޮން އިރަކު ކަމެއް އަދި ނޭންގެ އެވެ.

މިވަގުތު މެސީގެ ސަމާލުކަން އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ޓީމުގެ ކުޅުންތެރިންނާއި ސްޓާފުންގެ އިތުރުން ކޯޗާއި ރަނގަޅު ގުޅުމެއް އުފެއްދުމަށެވެ.