އަލީ އާޒިމް

އަފީފްގެ މައްސަލަ ޕީޖީ ގުރޫޕަކަށް ނުބެލޭނެ: އާޒިމް

Aug 12, 2021

ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ހުށަހަޅަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ އަލީ އާޒިމް މިހެން ވިދާޅުވެފައި މިވަނީ "ރައީސް ސޯލިހް ހުންނެވީ އަދާލަތު ޕާޓީގައި ނޫން ކަމެއްވެސް ނޭނގޭ" ކަމަށް ވިދާޅުވެ އަމިއްލަ ޓީވީ ޗެނަލެއްގައި ހަސަން އަފީފް ވާހަކަދައްކަވާފައިވާތީ އެ މައްސަލަ ބަލައިދިނުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އަލީ އާޒިމް ވިދާޅުވީ ހަސަން އަފީފްގެ މައްސަލަ ޕީޖީ ގުރޫޕަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ހަސަން އަފީފާ ގުޅޭގޮތުން ލިބިފައިވާ ޝަކުވާ އަކީ ޕީޖީ ގުރޫޕްގެ އުސޫލުތަކާ ހިލާފުވެފައި އޮތް މައްސަލައަކާ ގުޅޭ ޝަކުވާއެއް ނޫން ކަމަށެވެ.

"ޕީޖީ ގުރޫޕަށް އަންނާނީ މިސާލަކަށް ވިޕްލައިނަކާ ހިލާފުވުން ފަދަ މައްސަލައެއް. އެކަހަލަ ކަމެއް ހަސަން އަފީފް ކުރެއްވި ކަމަކަށް ޝަކުވާ އިން އެނގޭކަށް ނެތް،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަފީފްގެ މައްސަލަ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވުން ކަމަށްވާނަމަ އެ މައްސަލަ ޕީޖީ ގުރޫޕުން ބެލުމުގެ ބަދަލުގައި ބަލަންވާނީ ޕާޓީގެ އިދާރީ މައްސަލައެއްގެ ގޮތުގައި ކަމާ ގުޅޭ ކޮންމެވެސް އެހެން ކޮމިޓީ އަކުން ކަމަށެވެ.

"އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް އެ މައްސަލަ ހުށަހެޅޭނެ އެއްވެސް ހަމައެއް ނެތް. އަޅުގަނޑު ދެންނެވި ކަމަށް ޗެއާޕާސަން ކައިރީ އައްސަވާ މައްސަލަ ބަލާނީ ކޮން ހަމަޔަކުންތޯ؟" އާޒިމް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން އަފީފްގެ މައްސަލާގައި ރައީސްއާ ސުވާލުކުރުމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށާ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭނެ ފަދަ ކަންކަން ކުރުމަށް ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ. ހަސަން އަފީފު ފަދަ ސީނިއާ ބޭފުޅަކު އެމަނިކުފާނާ ގުޅޭގޮތުން ވާހަކައެއް ދެއްކެވުމުން އެކަން ބެއްލެވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށާއި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމަށް އަންގަވާފައިވާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ހަސަން އަފީފާއި ރައީސް ސޯލިހަކީ ވަރަށް ގާތް ދެ ބޭފުޅުންގެ ގޮތުގައި ފެނުނު ނަމަވެސް މިހާރަކަށް އައިސް ހަސަން އަފީފް ގެންދަވަނީ ތަކުރާރުކޮށް ރައީސް ސޯލިހާއި ސަރުކާރަށް ނިސްބަތްވާ ގޮތަށް ފާޑުވިދާޅުވަމުންނެވެ.