ލައިފްސްޓައިލް

ހެއާ ޑައި އަކަށް އެެލާޖިކްވެ ހަފުތާއެއް ހޮސްޕިޓަލުގައި

އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ މިޒަމާނުގެ ކުދިން ވަރަށް ލޯބިކުރާ ކަމެކެވެ. ވަރަށް ގިނަ އަންހެން ކުދިން އެމީހުންގެ އިސްތަށިގަނޑުގެ އަސްލު ކުލަ ނޫން ކުލަ ކުލަ އިސްތަށިގަނޑުގައި ޖައްސަ އެވެ. ނަމަވެސް މި އަންހެން ކުއްޖާއަށް ވީގޮތް އެނގިއްޖެނަމަ އިސްތަށިގަނޑުގައި ކުލަ ޖެއްސުމާ މެދު ކޮންމެ ޒުވާނަކު ވެސް ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

ޝޭލީން ގާޓްލޭ އަކީ ކެނެޑާގެ އޮންޓާރިއޯގައި ދިރިއުޅޭ 23 އަހަރުގެ އަންހެން ކުއްޖެކެވެ. އޮފީހެއްގައި ރިސެޕްޝަނިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ޝޭލީން އެއް ދުވަހަކު އޭނާގެ އިސްތަށިގަނޑު ޑައިކޮށްލިއިރު މިކަމުގެ ސަބަބުން އޭނާ އަށް ބިރުވެރި ތަޖުރިބާއެއް ކުރަން ޖެހިދާނެ ކަމަކަށް ހިއެއް ނުކުރެ އެވެ.

ޝޭލީން އޭނާގެ އިސްތަށިގަނޑު ޑައިކޮށްލީ ކުރިން ހުރި ވަރަށް ވުރެ ވެސް ރީތި ކޮށްލާށެވެ. ނަމަވެސް ޑައިކޮށް ނިންމާފައި އޭނާއަށް ދާން ޖެހުނީ ހޮސްޕިޓަލަށެވެ. އަދި އެތައް ދުވަހަކު އޭނާއަށް ގަދަފަދަ ވޭނުގައި ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. އޭނާ އުނގުޅި ޑައި އޭނާއާ ނުގުޅިގެން ހަށިގަނޑަށް އައި ރިއެކްޝަނެއްގެ ސަބަބުން މުޅި މޫނު ދުޅަވެގެން ގޮސް ކާކުކަން ވަކި ނުވާ ވަރަށް ދުޅަވި ކަމަށް ޝޭލީން ބުންޏެވެ.

ޝޭލީން އެ ދުވަހު އިސްތަށިގަނޑު ޑައިކޮށްގެން ވަރަށް އުފަލުން ގެއަށް އައެވެ. އޭރުވެސް އޭނާގެ ބޯ ކޮންމެވެސް ވަރަކަށް ކަހާ ކަހަލަ އިހްސާސެއް ޝޭލީން އަށް ކުރެވެމުން ދިޔަ އެވެ. އަނެއް ދުވަސް ވީއިރު ޝޭލީންގެ މުޅި ބޯ ފުއްޕާހަމެއްހެން ދުޅަވި އެވެ.

ޝޭލީން، އޭނާ އޭރު ހުރި ސިފައިގެ ފޮޓޮއެއް އިންސްޓަގްރާމްގައި ޝެއާކުރުމުން އޭނާގެ އެކުވެރިން ހީކުރީ އޭލިއަން އެއްގެ ފިލްޓާއެއް ލާފައި ހުރީ ކަމަށެވެ. އެހާ ވަރަށް އޭނާގެ ސިފަ ހުރީ ބަދަލުވެފަ އެވެ.

ވަގުތުން އޭނާ ހޮސްޕިޓަލަށް ދިއުމުން ހޮސްޕިޓަލުން ވަނީ އޭނާގެ އިސްތަށިގަނޑު ވީ އެންމެ ބޮޑަކަށް ކޮށާލާފަ އެވެ. އަވަހަށް އެލާޖިކް ރިއެކްޝަން ފިލުވާލުމަށް ފަސޭހަ ވާނީ އެގޮތަށް ހަދައިގެން ކަމަށް ހޮސްޕިޓަލުން އެންގި އެވެ.

މޫނާއި ކަރު ދުޅަވެގެން ގޮސް އޭނާގެ ލޯ ވެސް އެއްގޮތަކަށް ވެސް ނުހުޅުވުނު ކަމަށް ޝޭލީން ބުންޏެވެ. މި އެލާޖީ އަށް ފަރުވާކުރަން ހަފުތާއެއްހާ ދުވަހު ހޮސްޕިޓަލުގައި ޝޭލީން އަށް އޮންނަން ޖެހުނެވެ.

ޝޭލީން އެލާޖިކްވީ އޭނާ އުނގުޅި ޑައި ގައި ހުރި ޕީޕީޑީ (ޕެރަފެނިލީން ޑައިމީން) ކިޔާ ކެމިކަލް އަކަށެވެ. މިއީ ހެއާ ޑައިކުރާ ވަރަށް ގިނަ ޕްރޮޑަކްޓްގައި ހުންނަ ކެމިކަލް އެކެވެ.

ޝޭލީން ސޯޝަލް މީޑިއާގައި މި ވާހަކަ ޝެއާކުރީ މިކަމާ މެދު މީހުން ހޭލުންތެރިކުރުވަން ކަމަށް އޭނާ ބުންޏެވެ. އޭނާއަށް އުޅެން ޖެހުނު ހާލާއި ތަހައްމަލު ކުރަން ޖެހުނު ވޭން އެހެން އެއްވެސް މީހަކަށް ދިމާވާން ނޭދޭތީ އެވެ.

ޝޭލީން ފާހަގަކުރި އިތުރު ކަމެއް ވެސް އެބައޮތެވެ. ކޮންމެ ބާވަތެއްގެ ޑައި އެއް ހޭކިޔަސް އެ އެއްޗަކަށް މީހާ އެލާޖިކްތޯ ބަލަން ހަދާ ޕެޗް ޓެސްޓް ނުހަދާ އޭނާއަށް އެ ހެއާ ޑައި ބޭނުން ކުރެވުނު ކަމެވެ. އެ ޕެޗް ޓެސްޓް ހެދުނު ނަމަ އެ ޑައި އަށް އޭނާ އެލާޖިކްކަން ދުރާލާ އެނގުނީސް ކަމަށް ޝޭލީން ބުންޏެވެ.