ލައިފްސްޓައިލް

90 އަހަރުގެ މާމަ ޒުވާންކަމުގެ ސިއްރު އެނގޭތަ؟

މި މާމަ ފެނިފަ އޭނާއަށް 90 އަހަރު ވެދާނެ ކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރާނެ އެވެ. ސަބަބަކީ އޭނާގެ ޒުވާން ކަމެވެ. ބަލާބެލުމަށް މި މާމަ ހީވާނީ 70 ވަރަކަށް އަހަރުގެ މީހެއް ހެންނެވެ. މިއީ އޭނަގެ އަސްލު އުމުރަށް ވުރެ 20 އަހަރު ހަގު އުމުރެކެވެ.

މާމަގެ މި ޒުވާންކަމުގެ ސިއްރެއް ކަމަށް އޭނާ ބުނަނީ ހަށިގަނޑަށް ބަލައިގެން އުޅުމާއި ގަވާއިދުން ކަސްރަތު ކުރުމެވެ. އޭނާ ކުރާ ކަސްރަތުގެ ތެރޭގައި ބަރު އުފުލުމާއި ޔޯގާ އަދި ބަގީޗާ ބެލެހެއްޓުން ހިމެނެ އެވެ.

އެޑްނާ މޭ ޖިއޮޑާނޯ ބުނި ގޮތުގައި އޭނާ ދިރިއުޅެނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އުމުރުން 60 އަހަރަށް ވުރެ މަތިވި ފަހުން އެޑްނާ ކަސްރަތު ކުރަން ފެށީ އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ދިމާވެ ހިނގާބިނގާވެ އުޅެން ދަތިވެދާނެހެން ހީވެގެންނެވެ.

ޑަމްބެލް އާއި ކާޑިއޯ އެކްސަސައިޒްތައް ކޮންމެ ދުވަހަކުވެސް ކުރުމުގެ އިތުރުން އޭނާގެ ތަރުކާރީ ބަގީޗާ އާއި މާބަގީޗާގެ ތެރޭގައި ދުވާލުގެ ގިނަ ވަގުތުތައް އެޑްނާ ހޭދަ ކުރެ އެވެ.

އެޑްނާ ބުނި ގޮތުގައި އޭނާގެ ޒުވާންކަމުގެ ވަކި ސިއްރެއް ނެތެވެ. ގަވާއިދުން ކަސްރަތުކުރަނީ ކަސްރަތު ކުރުމަށްފަހު ހަށިގަނޑަށް ލިބޭ ފަސޭހަތަކުގެ ސަބަބުންނެވެ.

ކެނެޑާގެ ކެލޯނާގައި ދިރިއުޅޭ އެޑްނާ އަކީ ހޮސްޕިޓަލެއްގެ ހައުސްކީޕަރެއްގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކަކު މަސައްކަތްކޮށް ރިޓަޔަވެފައި ހުރި މީހެކެވެ.

އޭނާގެ 58 އަހަރުގެ ދަރިފުޅު ޑަލްކޭ ރަޓްކޭ ބުނި ގޮތުގައި އޭނާގެ މަންމައަކީ ވަރަށް މިނިވަންކަމަށް ލޯބިކުރާ މީހެކެވެ. އަދި ޒަމާނީ ގޮތްގޮތަށް ހެދުން އެޅުމަކަށް އޭނާގެ މަންމަ ފަހެއް ނުޖެހެ އެވެ. މަންމަގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވުމުން މަންމައަކީ 90 އަހަރު ވެފައިވާ މީހެއް ކަމަށް މީހުންނަށް ގަބޫލުކުރަން ދަތިވި ކަމަށް ވެސް ޑަލްކޭ ބުންޏެވެ.