ލައިފްސްޓައިލް

ބޮޑީބިލްޑަރު މާމަ - ހިތްވަރުގަދަ އަންހެނެއް!

ދަނޑިގަނޑެއްގެ އެހީގައި ނޫނީ ހިނގާބިނގާނުޅެވޭ ވަރު ވެފައި ހުރި އިނގިރޭސިވިލާތުގެ މާމާއަކު ހިތްވަރާއެކު ކުރި މަސައްކަތުން ބަރުދަން ލުއިކޮށް ބޮޑީބިލްޑަރަކަށްވެ ދުނިޔެއަށް މިސާލު ދައްކައިފި އެވެ.

މި މާމަގެ ގައިން 250 ޕައުންޑް ލުއި ކޮށްލެވުނުއިރު ގައިގެ ހަންތައް ހުރީ އެކި ދިމަދިމާލުން އެލިފަ އެވެ. މި ހަންތައް ނަގައި ހަންގަނޑު ވާންކުރަން ސާޖަރީއެއް މާމަ ހެދި އެވެ. އޭނާގެ ގައިން ނެގި ހަންގަނޑުގައި އެކަނި ވެސް 28 ޕައުންޑް ހުއްޓެވެ.

މީގެ އަހަރު ތަކެއް ކުރިން ޑީ ހޮޖްސަން އަކީ ފަލަ މީހެކެވެ. އަދި ވަރަށް ބަލި މީހެކެވެ. އާދައިގެ ކަންކަން ވެސް އޭނާއަށް ކުރެވެނީ ވަރަށް އުނދަގުލުންނެވެ. އަބަދު އުޅެން ޖެހެނީ ގައިގެ އެތަން މިތަނުގައި ރިއްސާތީ އެވެ.

ޑޮކްޓަރުންނަށް ޝައްކުވީ ހޮޖްސަންގެ ބައްޔަކީ ފައިބްރޯމަޔަލްޖިއާ ކަމަށެވެ. މިއީ ހަށިގަނޑުގެ އެތަން މިތަނުގައި ވަރަށް ގަދަޔަށް ވޭން އަޅާ ބައްޔެކެވެ.

ހަތަރު ދަރިންގެ މަންމަ އަދި އަށް މާމަދަރިން ތިބި ހޮޖްސަން ބުނި ގޮތުގައި މި ވޭނަށް ކެތް ނުކުރެވިގެން އޭނާ ހިތްހަމަޖައްސާލަން ކަނީ ޗޮކްލެޓާއި ފޮނިކާއެއްޗިއްސެވެ. އެހެންވެ އަހަރަކަށް ވުރެ އަހަރެއް އޭނާގެ ބަރުދަން އިތުރުވަމުން ދިޔައީ ހަލުވިކަމާއެކުގަ އެވެ.

ބަލިތަކުން ސަލާމަތް ނުވެވިގެން އުޅެނީ މާގިނައިން ފޮނިކާއެއްޗެތި ކާތީ ކަމަށް ހޮޖްސަން އަށް އަމިއްލައަށް ލަފާ ކުރެވިގެން ކެއުން ބަދަލުކޮށްލަން އަޒުމު ކަނޑައެޅި އެވެ. އަދި ތާޒާ ތަރުކާރީ އާއި ބިސް އަދި އެއްގަމު މަސް ކާން ފެށި އެވެ.

ކެއުން ބަދަލުކޮށްލުމާއެކު 84 ޕައުންޑް ހޮޖްސަންގެ ގައިން ލުއިވި އެވެ. އެއީ ޖިމް އަށް ގޮސް ކަސްރަތުކުރުން ފަދަ އެއްވެސް ކަމެއް ނުކޮށް ހުއްޓަ އެވެ.

ބަރުދަން ކުޑަކޮށް ލުއިވެލުމާއެކު ފިޓްނަސް ސެންޓަރަށް ހޮޖްސަން ދާން ފެށި އެވެ. އެއާއެކު ބަރު އުފުލުމަކީ އޭނާ ވަރަށް ކުރާހިތްވާ ކަމެއްކަން ހޮޖްސަން އަށް އެނގުނެވެ.

"އެންމެ ފުރަތަމަ އަހަރެން ޑައިޓްކުރީ ބަރުދަން ލުއިކުރާކަށް ނޫން. އަހަރެންގެ ސިއްހީ ހާލަތު ރަނގަޅު ކުރެވޭތޯ ކެއުމަށް ބަދަލު ގެނައީ. ނަމަވެސް ކެއުމަށް ގެނައި ބަދަލާއެކު ބަރުދަން ލުއިވާން ފެށުމުން އެކަން ކުރަން އިތުރު ހިތްވަރެއް ލިބުނީ،" ހޮޖްސަން ބުންޏެވެ.

ހޮޖްސަން ބުނި ގޮތުގައި ޖިމް އަށް ދާން ފެށުމުން އެތަނުގައި ހަދާ ވޯކްއައުޓް ތަކަކީ އޭނާ ވަރަށް ކުރާހިތްވާ ކަންކަމަށް ވިއެވެ.

"ދެން އަހަރެން ބޮޑީބިލްޑިން ކުރަން ފެށީ. އެކަންވީ އަދި އަހަރެން މާކުރާހިތްވާ ކަމަކަށް. މިހާރު އަހަރެންގެ ހަށިގަނޑުން 250 ޕައުންޑް ލުއިވެއްޖެ. އަދި ކުރިއާ ބަލާއިރު ސިއްހަތަށް ބޮޑު ބަދަލެއް އަތުވެއްޖެ. ކުރިން ހުރި ހުރިހާ ވޭންތައް ގޮސް މުޅިން ތަފާތު އަންހެނަކަށް އަހަރެން ވެއްޖެ،" ހޮޖްސަން ބުންޏެވެ.

އަންނަ ނޮވެމްބަރު މަހު އިންގްލެންޑްގެ ހައި މައިކޮމްބޭގައި އޮންނަ ބޮޑީ-ބިލްޑީން މުބާރާތުގައި ވާދަކުރުމަށް ހޮޖްސަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.