ލައިފްސްޓައިލް

ރައްޓެހިވާން ޝައުގުވެރިވާ މީހުން 500 ލަފުޒުގެ މަޒުމޫނެއް ލިޔަން އެދިއްޖެ

މީހުންނާ ރައްޓެހިވުމުގައި ކުރެވުނު ހިތި ތަޖުރިބާ ތަކަކަށްފަހު އަންހެނަކު ވަރަށް މޮޅު ކަމެއް ކޮށްފި އެވެ. އެއީ އޭނާއާ ރައްޓެހިވާން ބޭނުން މީހުން އޭނާ އާ ގުޅެން ބޭނުންވާ ސަބަބު ބަޔާންކޮށް އެޕްލިކޭޝަނެއްގެ ގޮތުގައި 500 ލަފުޒުގެ މަޒުމޫނެއް ލިޔެފައި ފޮނުވުމަށެވެ.

އިންގްލެންޑްގެ ހެމްޕްޝަޔާގެ ޕޯޓްސްމައުތުގައި ދިރިއުޅޭ ލޯރެން ކެމްޕްޓަން އަކީ 36 އަހަރުގެ އެކަނިވެރި މައެކެވެ. ލޯބިވެރިޔަކު ހޯދަން އޭނާ ޑޭޓިން އެޕްތައް އަތްފުނާ އަޅާތާ ތިން އަހަރު ވެއްޖެ އެވެ. ނަމަވެސް ހިތްހަމަޖެހޭ ކަހަލަ މީހަކާ ދިމަލެއް ނުވި އެވެ. އެހެންވެ މިފަދަ އެޕެއްގައި އޭނާ އަޖުމަ ބެލުމުގެ ގޮތުން މިގޮތަށް އެނައުންސްމަންޓެއް ޖެހީ އެވެ.

އޭނާގެ އެނައުންސްމަންޓްގައި ލިޔެފައިވާ ގޮތުގައި އޭނާއާ ސީރިއަސްކޮށް ގުޅެން ބޭނުން މީހުން ވަރަށް ވިސްނާފައި އޭނާއާ ގުޅެން ބޭނުންވާ ސަބަބު ބަޔާންކޮށް މަޒްމޫނެއް ލިޔެފައި ފޮނުވުމަށް އެދިފައި ވެއެވެ. މިއީ އޭނާގެ ވަގުތު ބޭކާރުވިޔަ ނުދިނުމަށް ކުރާ ކަމެއް ކަމަށް ވެސް ލޯރެން ލިޔެފައި ވެއެވެ.

ލޯރެން އެންމެ ހައިރާންވީ އޭނާ މިގޮތަށް އިއުލާން ކުރުމުން އޭނާ ހީވެސް ނުކުރާހާ ގިނަ މީހުން މަޒުމޫނު ލިޔެފައި ފޮނުވުމުންނެވެ. އަދި މިތަނުން އެކަކު މަޒުމޫނުގެ އިތުރުން ޕަވަޕޮއިންޓް ޕްރެޒެންޓޭޝަނެއް ވެސް ހަދާފައި ފޮނުވާފައިވާ ކަމަށް ލޯރެން ބުންޏެވެ.

ސްކިން ކެއާ ކްލިނިކެއްގައި މަސައްކަތްކުރާ ލޯރެން ބުނި ގޮތުގައި މާޒީގައި އޭނާއަށް ވަރަށް ފީކަޅާ މީހުންނާ ރައްޓެހިވެވިފައި ވެއެވެ. އަދި އޭގެ ތެރެއިން މަދު މީހަކު ނޫނީ ވަރަށް ފޫއްސެވެ. އެންމެންގެ ވެސް ވާހަކަ ހުންނަނީ އެއްކަހަލަ ގޮތަކަށެވެ.

"މަޒުމޫނެއް ލިޔަން އެދުނީމަ ބައެއް މީހުންނަށް ހީވެދާނެ އަމިއްލައަށް ޚުޝާމަދު ކުރުވާށޭ އުޅެނީ އަހަރެން. އެހެނެއް ނޫން އަސްލު އެކަން އޮތީ. ކޮންމެއަކަސް މިކަން ވީ ވަރަށް މަޖާ ކަމަކަށް. އަހަރެން ހިޔެއް ނުކުރަން އެހާވަރުން މީހުން އަހަންނަށް މަޒުމޫނު ލިޔެފައި ފޮނުވާނެއެކޭ،" ލޯރެން ބުންޏެވެ.

ލޯރެން އަށް ލިބުނު މަޒުމޫނުތަކުގެ ތެރެއިން އެކެއްގެ މަޒުމޫނުގައި އޭނާ ވަރަށް ބޮޑަށް އަޅައިގަތް ކަމަށް ބުނެފައި ވެއެވެ. އެމީހާގެ ލިޔުމުގައި ލޯރެން އަށް ވަރަށް އަދަބު އިހްތިރާމް އަދާކޮށްފައިވާތީ އެވެ.