ލައިފްސްޓައިލް

ބަނޑުގައިވާ ދަރިފުޅަށް މަންމަ އެލާޖިކް!

މާބަނޑު ވީއްސުރެ މުޅި ގައިގައި ފޮޅު ނަގައި ވަރަށް ތަކުލީފުގައި އުޅެން ޖެހުނު އަންހެނަކު ބުނި ގޮތުގައި އޭނާއަށް މި މައްސަލަ ދިމާވަނީ ބަނޑުގައި އޮތް ދަރިފުޅަށް އެލާޖިކް ވާތީ ކަމަށެވެ.

އިންގްލެންޑްގެ ހެމްޕްޝަޔާގައި ދިރިއުޅޭ ފިއޮނާ ހޫކާގެ ގައިގެ ތަންތަންގަނޑު ރަތްވެ ހިރުވާން ފެށިއިރު އޭނާ ބަލިވެ އިނދެ ބަނޑަށް 31 ހަފުތާ އެވެ. އަދި އޭގެ ފަހުން ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އޭނާގެ އެލާޖީ މައްސަލަތައް ދިޔައީ ބޮޑުވަމުންނެވެ. އަދި ވިހެއުމަށްފަހު އެ ބިހިތައް ބޮޑެތި ފޮޅުތަކަށް ބަދަލުވެ ވިހޭ ދަރިފުޅު އުރާލަން ވެސް ފިއޮނާއަށް ނުކުޅެދުނު ކަމަށް އޭނާ ބުންޏެވެ.

ފިއޮނާގެ ޑޮކްޓަރުން ބުނާ ގޮތުގައި އޭނާއަށް ދިމާވެފައިވަނީ ވަރަށް މަދުން ނޫނީ ދުނިޔޭން ނުފެންނަ އޮޓޯއިމިއުން ޑިޒީޒް އެއް ކަމަށްވާ ޕެމްފިގޮއިޑް ގެސްޓޭޝަނިސް އެވެ.

ފިއޮނާ ކައިރީ ޑޮކްޓަރުން ބުނީ މިހެން ދިމާވަނީ އޭނާގެ ބަނޑުގައި އޮތް ފިރިހެން ދަރިފުޅުގެ ޑީއެންއޭގައިވާ ޖީން އެއްގެ ރިއެކްޝަނަކުން އިމިއުން ސިސްޓަމް ކައިރީގައި ހަންގަނޑަށް ހަމަލަދޭން ބުނާތީ ކަމަށެވެ.

އަންހެންމީހާ ބުނި ގޮތުގައި އޭނާއަށް ވެގެން ގުޅޭ ގޮތް އިނގުނީ ތިން ޑޮކްޓަރުން ކައިރިއަށް ދިޔަ ފަހުންނެވެ. އެންމެ ފަހުން އޭނާ ދެއްކި ޑޮކްޓަރު އޭނާގެ ބަލި ހޯދައި އަދި ބައްޔަށް ފަރުވާ ކޮށްދޭން ފެށުމުން ތަންކޮޅެއް ލުއިވި ކަމަށް ފިއޮނާ ބުންޏެވެ. އަދި މި ބައްޔަކީ އޭނާގެ ބަނޑުގައި އޮތް ދަރިފުޅަށް އެލާޖިކް ވާތީ ދިމާވާ ކަމެއް ކަމަށް ޑޮކްޓަރު ބުނި ކަމަށް ވެއެވެ.

ފިއޮނާގެ ތިން އަހަރުގެ ދަރިއަކު ވެސް ހުރެ އެވެ. ނަމަވެސް އެ ކުއްޖާއަށް ބަލިވެ އިނދެގެން އުޅުނުއިރު މިފަދަ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް އޭނާ ބުންޏެވެ.

"ޑޮކްޓަރުން ލަފާ ކުރަނީ އެއީ ކުއްޖާގެ ބައްޕަގެ ޑީއެންއޭގައި ހުރި ކަމެއް ކަމަށް. ފަހަރެއްގައި ވެދާނެ އަހަރެންގެ މިފަހަރުގެ ދަރިފުޅުގެ އެ ޖީން އައީ ބައްޕަގެ ފަރާތުން ކަމަށް. ދޮށީ އަންހެން ދަރިފުޅުގެ އެ ޖީން އައީ މަގޭ ފަރާތުން ކަމަށް. އެހެން ހީވަނީ ފުރަތަމަ ވިހޭ އަންހެން ދަރިފުޅަށް ބަލިވެ އިނދެގެން އުޅުނުއިރު މިގޮތަށް ދިމާނުވީމަ،" ފިއޮނާ ބުންޏެވެ.

ފިއޮނާ ބުނި ގޮތުގައި ވިހެއުމަށްފަހު ވެސް އޭނާގެ މައްސަލަ ހައްލުނުވެ ހައެއްކަ މަސް ދުވަސް އެކަމުގައި އުޅެން ޖެހުނެވެ. އަދި އޭގެ ފަހުން ވެސް ބައެއް ފަހަރު ތަންތަން ރަތްވެ ހިރުވަން ފެށުމުން ސްޓެރޮއިޑް ކްރީމެއް އުނގުޅަން ޖެހެ އެވެ.